ޚަބަރު

އުދުހެމުންދިޔަ މަތިންދާ ބޯޓެއްގެ ދޮރު ހުޅުވުމަށް އިންޑިއާގެ ޕެސިންޖަރަކު މަސައްކަތްކޮށްފި

1

އެއާ އިންޑިޔާގެ ފްލައިޓެއްގައި އެމެރިކާއިން އިންޑިޔާއަށް ހުސްވި ހަފުތާގެ ބުދަދުވަހު ދަތުރުކުރި އުމުރުން ދުވަސްވީ ޕެސިންޖަރަކު މައިތިރިކުރުމަށްޓަކައި ބޭހާއި ގަދަބާރު ބޭނުންކުރަން ބޯޓުގެ ފަޅުވެރިންނަށް މަޖުބޫރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މަތިންދާބޯޓުތެރޭގައި މޮޔަބޮޑުވެގެން އުޅުނީ އުމުރުން ހަތްދިހަ އަހަރަށްވުރެ މަތިވެފައިވާ އިންޑިޔާގެ ފިރިހެނެކެވެ. އޭނާ ދަތުރުކުރީ ބިޒިނަސް ކުލާހުގައި އަނބިމީހާވެސް ގޮވައިގެންނެވެ. އެމީހާގެ ހަރަކާތްތަކަށް ބަދަލު އައީ އެމެރިކާއިން ބޯޓު ނައްޓާލިތާ ގާތްގަޑަކަށް ތިންގަޑިއިރު ފަހުން ކަމަށް އެނގިފައިވެއެވެ.

އެޓްލާންޓިކް ކަނޑުގެ މަތީގައި ބޯޓު އުދުހެމުންދަނިކޮށް އެމީހާ ބޭނުންވީ ބޯޓު ހުއްޓުވައި ދޮރުވެސް ހުޅުވުމަށެވެ. ތިމަންނަ މިތަނަށް ފައިބާނީއޭ، ދޮރުހުޅުވާށޭ ބުނެ އަޑުގަދަކޮށް ހަޅޭލަވަމުން ދިޔައެވެ. އެކަމަށް ބޯޓުގެ ފަޅުވެރިން ހުރަސްއެޅީމާ ދެން ދިމާކުރީ ފަޅުވެރިންނާއެވެ. މިކަން ހުއްޓުވުމަށް އަނބިމީހާ މަސައްކަތް ކުރުމުން އޭނާގެ ކަރުގައި ހިފައި މަރާލަންވެސް އުޅުނެވެ. އޭނާ ސަލާމަތްކުރީ އެހެން ޕެސިންޖަރުންނެވެ. އޭގެފަހުން ދަތުރު ނިމެންދެން އަނބިމީހާ އޮތީ އިކޮނޮމީ ކުލާހުގައި ފިލައެވެ.

ގާތްގަޑަކަށް ދިހަގަޑިއިރާ ގާތަށް އެމީހާ މިސަކަރާތެއް ޖެހިފަހުން މުޅިން ހަމަޔަކަށް އެޅުނީ ދަތުރުވެރިންގެ ތެރެއިން ޑޮކްޓަރަކު އެމީހާއަށް ބޭހެއްދީގެންނެވެ. މިބޭހެއް ދިނީވެސް ގަދަކަމުންނެވެ. އިންޑިޔާއަށް ބޯޓު ޖެއްސުމާއެކު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އެމީހާ ވަނީ ގެންގޮސްފައެވެ. މިކަމަކީ ރަލުގެ މަސްތުގައި ޖެހިގެން ހިނގިކަމެއްތޯ ނުވަތަ އެމީހާގެ ނަފްސާނީ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިމާވިކަމެއްތޯ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެނގިފައިވެއެވެ. ފަހަކަށް އައިސް އިންޑިޔާގެ ޕެސިންޖަރުންގެ ފަރާތުން މިޒާތުގެ ކަންކަން ވަނީ ގިނަވެފައެވެ. މަތިންދާބޯޓު ތެރޭގައި އެހެން ޕެސިންޖަރެއްގެ ގަޔަށް ކުޑަކަމުދިޔުމުގެ ހާދިސާއެއްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟