Close
ޚަބަރު

ވެށިފަހިމާލެ ފުލެޓްތައް މަރާމާތުކޮށް، ކުލަ ލުމުގެ މަސައްކަތުގެ ފުރަތަމަ ފޭސް ނިމިއްޖެ

ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫއުގެ ފްލެޓުތައް މަރާމާތުކޮށް، ކުލަ ލުމުގެ މަސައްކަތްތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް އާބަންކޯ އިން ނިންމާލައިފިއެވެ.

ހުޅުމާލޭގެ ފޭސް އެކެއްގެ ފުލެޓު ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އާ ކުރުމުގެ މަސައްކަތް އާބަންކޯ އިން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އާބަންކޯ އިން މި މަސައްކަތް ކުރިއަށްގެންދަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާބަންކޯ އިން މިއަދު ބުނީ އެ މަސައްކަތުގެ ފުރަތަމަ ފޭސްގެ ދަށުން އިމާރާތުގެ ބޭރުފާރާއި ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި މިހާރު ކުލަލައި ނިމިފައިވާ ކަމަށެވެ. އަދި ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ކަމަށާއި ފުރަތަމަ ފޭސްގެ ދަށުން ޖުމްލަ 30 އިމާރާތެއް (504 ޔުނިޓް) ގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން އިތުރަށް ބުނީ ބާކީ ހުރި ފުލެޓް ތަކުގެ ތެރެއިން، 113 އިން 138 ވަނަ ފުލެޓާ ހަމައަށް މި މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދޭނެ ކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން، އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެ ކޯޕަރޭޝުނުން ބުންޏެވެ.

އޭގެ އިތުރުން އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ޖުންގު ފަދަ ތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އިރު، އިމާރާތްތަކުގެ ބޭރުގައި ބަހައްޓާފައިވާ ގަސްމުށި، ހަރު، ފެންސު ފަދަ ތަކެއްޗާއި އިމާރާތުގެ އާންމު ބައިތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ގިނަ ހައުސިން މަޝްރޫއުތަކެއް ބަލަހައްޓައި މަރާމާތުގެ މަސައްކަތް އެ ކޯޕަރެޝަނުން ކުރަމުންދާ އިރު، އެ މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ގަވާއިދުން ކުރަމުން އަންނަ މަސައްކަތް ތަކެއް ކަމަށެވެ. މިގޮތަށް މި މަސައްކަތްތައް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށްވެސް އާބަންކޯއިން ބުންޏެވެ.