ޚަބަރު

ކަރަންޓު ބިލު 34 ޔުނިޓަށް ވުރެ ދަށް ނަމަ ކުނީގެ ބިލް ނުފޮނުވާނެ: ވެމްކޯ

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނައިގެން ފޮނުވާ އިރު، ކަރަންޓް ބިލަށް 34 ޔުނިޓް ނާރާ ގެތަކަށް ވެމްކޯއިން ބިލް ނުފޮނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިމަހުގެ ކަރަންޓު ބިލާއެކު ގޭބީސީތަކަށް ކުނި ބިލު ފޮނުވަން ނިންމާފައިވާ އިރު، ވެމްކޯއިން ވަނީ ކުނި ބިލު ފޮނުވުމުގައި ބަލާނެ ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ، ބަލާނީ އެއީ މީހުން ދިރިނޫޅޭ ތަނެއްގެ ގޮތުގައެވެ. އެއީ ސްޓެލްކޯ އިންވެސް އިންއެކްޓިވް މީޓަރުގެ ގޮތުގައި ބަލާ މިންގަނޑެވެ.

ބިލު ޓައި ކުރުމާ ގުޅޭގޮތުން ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ސްޓެލްކޯ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ސެޝަނެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ މިބަދަލާއެކު އެއްވެސް ގެއަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށާއި ކަރަންޓް މީޓަރު ހުރި ކޮންމެ ގެއަކީ މިހާރު ވެމްކޯއިން ކުނި ނަގާ އަދި ބިލުކުރާނެ ގެތައް ކަމަށެވެ. އެގޮތުން ކޮންމެ އެކްޓިވް މީޓަރަކަށް 150 ރުފިޔާ ނަގަމުންދާނެ ކަމަށާއި ސްޓެލްކޯ އިން ކަރަންޓު ބިލު ފޮނުވާ އިރު، އެ ބިލުގައި ވަކި ލައިން އައިޓަމެއް ގޮތުގައި ވެމްކޯގެ ފީ ހިމެނިފައިވާނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

"ސްޓެލްކޯއިން ކަނޑައަޅާފައި އިންނަ އަދަދަކީ 34 ޔުނިޓް. އެއީ މިން ކުރުމަށްޓަކައި ބަލާ މިންގަނޑެއް. 34 ޔުނިޓް ނާރާ ކަމަށް ވެއްޖެޔާ އެ ގެއަކަށް ޗާޖެއް ނުކުރާނެ އެ މަހަކު،" ސިރާޖް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ވެމްކޯ އިން މަހަކަށް 150 ރުފިޔާ ނަގަން ކަނޑައަޅާފައިވީ ނަމަވެސް ސްޓެލްކޯގެ ބިލިން ސައިކަލާ އެއްގޮތަށް ބައެއް މަސްތަކުގައި ދައްކަންޖެހޭ އަދަދު އިތުރުވުން ނުވަތަ މަދުވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ބިލަކީ 28 ދުވަހަށް ތައްޔާރުކޮށްފައިވާ ބިލެއް ނަމަ، އެ ބިލާއެކު ކުނި ނެގުމުގެ ފީގެ ގޮތުގައިވެސް ޗާޖުކުރާނީ މަހުފީ އިން 28 ދުވަހަށް ޖެހޭ އަދަދު ކަމަށް ވިދާޅުވިއެވެ.

ވެމްކޯއިން މައުލޫމާތުދޭ ގޮތުގައި މީހުން ދިރިއުޅޭ ތަންތަނުގެ ކަރަންޓް ބިލާއި ވެމްކޯ ބިލު އޮޓެމެޓިކުން ޓައިކުރެވުނު ނަމަވެސް ކޮމާޝަލް ތަންތަނުން ވެމްކޯގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ރަޖިސްޓްރީ ނުކުރާނަމަ، އެފަދަ ތަންތަނުން ކުންޏެއްވެސް ނުނަގާނެއެވެ. އަދި އެއް މީޓަރަށް ވުރެ ގިނަ މީޓަރު ހުންނަ ގޭ ބީސީތަކުން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން ވެމްކޯއިން އެތަން ސާވޭ ކުރުމަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅޭ ތަނެއް ކަމަށް ފެންނަ ނަމަ، އެތަނަކަށް ޗާޖު ކުރާނީ އެއް ގޭބިސީއަށްވާ ފައިސާ ކަމަށް އެކުންފުނިން ބުންޏެވެ.

މި ބަދަލު ގެނެސް ދެ ބިލް އެއްކޮށްލައިގެން ބިިލުކުރަން ފަށާނީ މިމަހުން ފެށިގެންނެވެ.