ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްުމަދު ނަޝީދު އަވަހާރަކޮށްލަން 2021 އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ މައްސަލާގައި ދައުލަތުގެ ހެކީންގެ ހެކިބަސް ނަގަން ފަށައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓު ލިބެންދެން ހެކިބަސް ނެގުން މަޑުޖައްސާލުމަށްވެސް އެދިފައިވެއެވެ. ނަމަވެސް ގާޒީ ވަނީ ހެކިބަސް ނެގުން މަޑުޖައްސާލަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިއަދު ހެކިބަސް ނަގާފައިވަނީ ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އޮފިސަރެއްގެއެވެ.

ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ ބޮމުގެ ހަމަލާގެ ވަގުތުގައި އޭނާ ހުރީ، ވީއައިޕީ ވެހިކަލް ކައިރީގައި ކަމަށާއި ހަމަލާގެ ވަގުތު ނަޝީދު ހުރީ އެ ކާރާ ހަތަރު ވަރަކަށް ފޫޓު ކައިރީގައި ކަމަށެވެ. އަދި ނަޝީދަށް އެހާ ހިސާބަށް ވަޑައިގެންނެވުނުތަނާ ކުއްލިއަކަށް ބާރު އެއްޗެއް ގޮވި އަޑު އިވުނު ކަމަށާއި އެއާއެކު މުޅިތަން ދުމުން ފުރާލި ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، ބޮމުގެ ހަމަލާއަށްފަހު އެންމެ އިސްކަމެއް ދިނީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށާއި ނަމަވެސް ބޮމުގެ ހަމަލާގައި އޭނާގެ ކަނާއަތް އަދި ބުރިކައްޓަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލާގައި މިއަދު އިތުރު ހެކިވެރީންގެ ހެކިބަސްވެސް ނަގާނެއެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.