ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
އޭނާ ހޯދަން ފުލުހުން ވަނަވަރު އާންމުކުރީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އޭނާ ހޯދަން ފުލުހުން އުޅުނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ ކުށުގެ ރެކޯޑްތަކެއް އޮތް ފަރާތެކެވެ. އެގޮތުން އޭނާ ވަނީ 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފުލުހުން އޭނާއަށް ކޮށްފައިވެއެވެ. އަދި ގުރޫޕު މާރާމާރީ އާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައިވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ ހައްޔަރުކުރި އިރު، އެ މައްސަލާގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ.