Close
ވިޔަފާރި

މާފަރު އަދި މިލަދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން ނ. މާފަރު އަދި ނ. މިލަދޫގައި ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ އެ ދެ ރަށުގައި ގާއިމްކުރި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ނ. އަތޮޅުގެ އެ ދެ ރަށުގެ އިތުރުން ބީއެމްއެލުން ދަނީ އެ އަތޮޅުގެ މަނަދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ވެލީދޫގައި އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ބޭންކުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމެންޓުތައް މެދުކަނޑުމެއްނެތި ކުރިއަށް ގެންދިޔުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިގުތިސޯދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ​ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓާ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.