މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ، އުއްޗުގެ ފަރާތުން ހޯރަފުށި އިންޓަނޭޝަނަލް ސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީ ހަދިޔާކޮށްފިއެވެ.

ހޯރަފުށި ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ އުއްޗުގެ ފަރާތުން ހަދިޔާކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާއެވެ. އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.

އުއްޗުގެ ފަރާތުން ވެދިން އެ އެހީތެރިކަމަށް ހޯރަފުށި ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އުއްޗު ހޯރަފުއްޓަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ އުއްޗުއާ ބައްދަލުކޮށް، އެ ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކޮށްދިނުމަށް އެދިފައެވެ.

އުއްޗުގެ ފަރާތުން ހޯރަފުށި އިންޓަނޭޝަނަލް ސްކޫލަށް ދިން 1.17 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި ދިން އިރު، ދެން ހިމެނެނީ ތަކެތީގެ ގޮތުގައި ދިން އެހީއެވެ.