Close
ވިޔަފާރި

މައްސަލަ ހައްލުކުރުމަށްފަހު އާ ބޯޓުން މަސް ކިރަން ފަށައިފި

މުހައްމަދު އިޝާން

މިފްކޯއިން މަސް ކިރުމުގެ އޮޕަރޭޝަނަށް އަލައި ގެނައި ބޯޓު "ޖަޒީރާ 103" އަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އަލުން އެ ބޯޓު މަސް ކިރުމުގެ އޮޕަރޭޝަނަށް ނެރެފިއެވެ.

މިފްކޯއިން އެ ބޯޓަށް މަސް ކިރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ބޯޓަށް މަސް ކިރުމުގެ ކަންކަން ކުރިއަށް ދަނިކޮށް ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މަސް ކިރުން ވަނީ މެދުކަނޑާލައިފައެވެ.

މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސް ކިރުމުގެ އޮޕަރޭޝަނުގައި މިހާރުވެސް 14 ބޯޓެއް ހަރަކާތްވަމުންދާ ކަމަށާއި އަދި އެފަދަ ބޯޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

"މިގޮތުން ޖަރީރާ 103 އަށް ދިމާވި މައްސަލައަށްވެސް ހައްލު ގެނައުމަށްފަހު މިހާރު ވަނީ އޮޕަރޭޝަން އަށް ގެނެވިފަ" މިފްކޯއިން ބުންޏެވެ.

"ޖަޒީރާ 103" އަކީ ބޯޓުގެ ދެ ފަރާތުން މަސް ކިރުވުމަށް ހާއްސަ ކުރެވިފައިވާ ބޯޓެކެވެ. އެ ބޯޓުގައި ގާތްގަނޑަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ ހުންނަ އިރު، ސްޓޯރޭޖް ކެޕޭސިޓީގައި 400 ޓަނުގެ މަސް ރައްކާ ކުރެވެން ހުރެއެވެ.

އެ ބޯޓަކީ ޖަޕާނުގައި މަސްވެރިކަމުގައި ބޭނުން ކުރަމުން ދަނިކޮށް މިއަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ރާއްޖެ ގެނައި ބޯޓެކެވެ. އެ ބޯޓު ރާއްޖެ ގެނެސްފައިވަނީ މަސް ގަތުމަށް ފަސޭހަވާނެ ގޮތަށް ބޯޓުގައި ކުރަންޖެހޭ ކަންކަން ސީނިއާ އިންޖިނޭރެއްގެ ބެލުމުގެ ދަށުން ސައުތު ކޮރެއާގެ ބޯޓު ޔާޑެއްގައި ކުރުމަށްފަހު ކަމަށް މިފްކޯއިން ބުންޏެވެ.