ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރައްވާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން 'ނާޒިމް ބުނަނީ ކީކޭ؟' ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ނާޒިމް ވިދާޅުވީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސް ސޯލިހަށް ލިބިފައި ނުވާ ބާރެއްކަމަށާއި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައި ކަމަށެވެ. އެ ސަބަބާ ހުރެ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ސޮއިކުރެއްވިކަމަށް ވިދާޅުވި އެވެ. މިއީ އެމްއެންޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޗާގޯސް މައްސަލާގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އިތުރުން ސަރުކާރާ ދެކޮޅު ފަރާތްތަކާއި ޕާޓީތަކުން ގުޅިގެން ވަނީ އިއްތިހާދެއް ހަދައިފަ އެވެ. މި އިއްތިހާދުން މިހާރު ވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފަ އެވެ.

ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރުބެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ކުރިން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ރިފްއަތަށް ދީފައިވާ ކަމަށެވެ. ނަޝީދު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަ ނައިބަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީންވެސް ވަނީ ބުރާސްފަތި ދުވަހު ނިންމައިފައެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ 12 މެންބަރުން އެމްޑީޕީން ވަކިވުމާ ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 56 އަށް ތިރިވެފައެވެ. އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގައި މަސައްކަތްކުރާނީ ސަރުކާރާ ދެކޮޅަށް ކަމަށް ޔަގީންވާ އިރު، އިދިކޮޅު ޕާޓީތަކުގެ 15 މެންބަރުންނާއެކު އެ އަދަދު 27 އަށް އަަރާނެއެވެ. އަދި އަމިއްލަ ގިނަ މެންބަރުންނަކީވެސް އާންމު ގޮތެއްގައި ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތްކުރާ މެންބަރުންނަށް ވާއިރު، އެ މެންބަރުން ހިމެނިއްޖެ ނަމަ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެންބަރުންގެ އަދަދު 32 އަށް އަރާނެއެވެ.