ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވައިގެން އުޅުއްވާ 'ފިކުރެއްގެ ދިރުން' ހަރަކާތުން އުފައްދަން ނިންމާފައިވާ އާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމަކާއި ކުލައެއް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ފިކުރެއްގެ ދިރުން ހަރަކާތުން ވަނީ އެކަމަށް ހާއްސަ ގޫގުލް ފޯމެއް ހަދައި, އެ ފޯމް މެދުވެރިކޮށް ޕާޓީއަށް ކިޔަން ބޭނުންވާ ނަމާއި ނަމުގެ ތަފުސީލާއި ކުލަ އަދި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ހެނދުނު 6:00ގެ ނިޔަލަށެވެ.

އެކި ފޯރަމްތަކުގައި ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ފިކުރެއްގެ ދިރުން ހަރަކާތަށް ކިޔަން ގިނަ މީހުންނަށް ކަމުދަނީ ''ފިކުރެއްގެ ދިރުން ޕާޓީ'' އެވެ. އަދި ގިނަ ބަޔަކު ބޭނުން ކުރަމުންދަނީ މަޑު ނޫކުލައެވެ.

އެ ޕާޓީ އުފައްދަން ނިންމާފައިވާކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި އާ ސިޔާސީ ޕާޓީ އުފައްދަން ނިންމާފައިވަނީ ފިކުރެއްގެ ދިރުން ނަމުގައެވެ.