Close
ދުނިޔެ

ޑްރަގް މައްސަލައެއްގައި ތިން ހަފުތާ ތެރޭގައި ދެވަނަ މީހަކު ސިންގަޕޫރުގައި ދަންޖައްސައި މަރާލައިފި

ސިންގަޕޫރަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެތެރެކުރުމުގެ މައްސަލައެއްގައި ތިން ހަފުތާގެ ތެރޭގައި ދެވަނަ މީހަކު ދަންޖައްސައި މަރާލައިފިއެވެ.

މިދިޔަ ބުދަ ދުވަހު ސިންގަޕޫރުގައި މަރުގެ އަދަބު ދިނީ އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ. އޭނާ މަރާލީ ސިންގަޕޫރަށް 1.5 ކިލޯގެ ކެނަބިސް އެތެރެ ކުރުމުގެ ކުށުގައެވެ.

އެ ގައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރުގެ އަދަބަކީ މަސްތުވާތަކެތީގެ ޑިމާންޑާއި ސަޕްލައި އަށް އަމާޒުކޮށްގެން ސިންގަޕޫރުން އެކުލަވާލާފައިވާ ކޮމްޕްރެހެންސިވް ޑެމޭޖް ޕްރިވެންޝަން ސްޓްރެޓެޖީގެ ބައެއް ކަމަށެވެ. އެ ބަޔާނުގައި ދަންޖެއްސި މީހާގެ އުމުރަކީ 36 އަހަރު ކަމަށް ބުނި ނަމަވެސް އާއިލާއިން އެދިގެން އޭނާގެ ނަން އަދި ކުށުގެ ތަފްސީލެއް ވެސް ދީފައެއް ނުވެއެވެ.

ނަމަވެސް ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ދަންޖައްސާފައިވަނީ މުހައްމަދު ފައިޒަލް ބިން މުހައްމަދު ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ވަނީ 2019 ވަނަ އަހަރު 1.6 ކިލޯ ނުވަތަ 3.4 ޕައުންޑުގެ ކެނަބިސް ގެންގުޅުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވައިފައެވެ. ސިންގަޕޫރުގެ ގާނޫނުތައް ބުނާ ގޮތުން 500 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކް ކުރުމުން މަރުގެ އަދަބު ދެވިދާނެއެވެ.

ގާތްގަނޑަކަށް ދެ ޕައުންޑުގެ ކެނަބިސް ޓްރެފިކް ކުރަން ރޭވި ކަމުގެ ކުށް ސާބިތުވި މީހަކަށް މިދިޔަ މަހުގެ 26 ވަނަ ދުވަހުވެސް ސިންގަޕޫރުން ވަނީ ދަންޖައްސައި މަރުގެ އަދަބު ދީފައެވެ. އެއީ މި އަހަރު އެ ގައުމުގައި ދަންޖެއްސި ފުރަތަމަ މީހާއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން މި ދެ އަދަބަކީ ވެސް ވަރަށް ބޮޑު އަދަބެއް ކަމަށް ބުނެ ކުށްވެރި ކުރި، ނަމަވެސް ސިންގަޕޫރަކީ މަސްތުވާތަކެއްޗާ މެދު ޒަމާނުއްސުރެ ހަރުކަށި ވިސްނުމެއް ގެންގުޅޭ ގައުމެކެވެ.