މެންޗެސްޓަރ ސިޓީ ފުޓްބޯޅަ ކުލަބުގެ ވެރިޔަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ އަބޫދާބީގެ ޝައިޚު މަންސޫރެވެ. އޭނާއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޮޑުވަޒީރުގެ ނާއިބުވެސްމެއެވެ. އޭނާ މެންޗެސްޓަރ ސިޓީ ބައްލަވައިގެންނެވީ 2008 ވަނަ އަހަރުއެވެ. އޭގެކުރިން އެއީ ޔޫރަޕުގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެއީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއްބާރެވެ. ޝައިޚު މަންސޫރުގެ ދައުރު ފެށުނުފަހުން ފާއިތުވެދިޔަ ފަނަރަ އަހަރުގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު ހަފަހަރަށް ކާމިޔާބުކޮށްފިއެވެ. ހަތްވަނަ ޓައިޓަލްވެސް މިހަފުތާގައި ހޯދާނެއެވެ. އެފްއޭ ކަޕް ދެފަހަރަށް ހޯދައިފިއެވެ. އަދި ދެ ހަފުތާއެއްހައި ފަހުން ތިންވަނަ ޓައިޓަލްވެސް ހޯދާނެކަމަށް ބެލެވެއެވެ. އީއެފްއެލް ތަށި ހަފަހަރު ހޯދައިފިއެވެ. ހުއްޓުމެއް ނެތެވެ.
މެންޗެސްޓަރ ސިޓީ ވަރުގަދަ ކުރެއްވުމަށް ޝައިޚު މަންސޫރު މިހާތަނަށް 3.5 ބިލިއަން ޑޮލަރު ޚަރަދު ކުރައްވައިފިއެވެ. ހައްތާވެސް އޭނާގެ ފައިސާއެވެ. އަބޫދާބީގެ ފައިސާއެވެ. މިވަރަށް ފައިސާ އަޅުއްވައިގެން އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ އަދި ފަހަކަށްއައިސް އެންމެ ކާމިޔާބު ކުލަބުކަމަށް ސިޓީ ހައްދަވައިފިއެވެ. އެކަމަކު ޝައިޚު މަންސޫރު އެންމެ ބޭނުންފުޅުވާ ތަށި އަދި ނުހޯދެއެވެ. އެއީ ޔޫރަޕިއަން ޗެމްޕިއަންސްލީގެވެ. އެ އިންތިޒާރުވެސް ކުރިއަށްއޮތް ޖޫންމަހު ދިހަވަނަ ދުވަހު ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. މެންޗެސްޓަރ ސިޓީ އޮތީ މުބާރާތުގެ ފައިނަލުގައެވެ. މިކަންކަން މިފަހަރު މިގޮތަށް ހިނގައިފިނަމަ ޝައިޚު މަންސޫރުގެ ނަންފުޅު ލިޔަންޖެހޭނީ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އޯނަރުންގެ ލިސްޓުގައެވެ.
ދުނިޔޭގެ އެންމެ ގިނަބަޔަކަށް ޝައިޚު މަންސޫރު އެނގި ދަސްވެފައިވަނީ މެންޗެސްޓަރ ސިޓީގެ ޗެއަރމަންގެ ގޮތުގައި ކަމަށްވިޔަސް އެއީ އޭނާގެ ހަމައެކަނި މަގާމެއް ނޫނެވެ. އެންމެ މުހިއްމު މަގާމެއްވެސް ނޫނެވެ. އުމުރުފުޅުން ފަންސާސް އަހަރުވީ މަންސޫރަކީ އަބޫދާބީގެ މުބާދަލާ އިންވެސްޓްމަންޓް ކުންފުނީގެ ސީއީއޯއެވެ. އެއީ 370 ބިލިއަން ޑޮލަރުގެ ސަވަރިން ވެލްތު ފަންޑެކެވެ. މަންސޫރަކީ އަބޫދާބީގެ ގައުމީ ތެޔޮކުންފުނީގެ ބޯޑު މެންބަރެކެވެ. ނިއުކުލިއަރ ހަކަތައާއިބެހޭ ކޯޕަރޭޝަނުގެ ޗެއަރމަނެވެ. އަބޫދާބީގެ ކޮމާރޝަލް ނެޝަނަލް ބޭންކާއި އެމިރޭޓްސް ގްލޯބަލް އެލްމިނިއަމްގެ ވެސް ޗެއަރމަނެވެ. މިދެންނެވީ އަބޫދާބީގެ ސަރުކާރުގެ ކުންފުނިތަކުގެ ވާހަކައެވެ. ޝައިޚު މަންސޫރުގެ އަމިއްލަފުޅު މުއްސަނދިކަމުގެ މިންވަރުވެސް ސަތާރަ ބިލިޔަން ޑޮލަރަށްވުރެ މައްޗެވެ.
އޭނާގެ އަމިއްލަފުޅު ހިއްސާ އޮންނަ ބޮޑެތި ބޮޑެތި ކުންފުނިތައް ދުނިޔޭގެ އެތަންމިތަނުގައި ވެއެވެ. އަބޫދާބީގެ އާބަރް އިންވެސްޓްމަންޓެވެ. އިނގިރޭސިވިލާތުގެ ވާރޖިން ގަލާކްޓިކެވެ. ޖަރުމަންވިލާތުގެ ޑެއިމްލަރ އެވެ. ދުނިޔޭގެ ބޮޑެތި ބޮޑެތި މީޑިއާ ކުންފުނިތަކުގައިވެސް ޝައިޚު މަންސޫރުގެ ހިއްސާ އޮވެއެވެ. އަދިވެސް މިފަދަ ކިތަންމެ ކުންފުންޏެކެވެ.
މި ލިޔުމުގެ މައިގަނޑު ބޭނުމަކީ އޭނާގެ ކުޅިވަރުގެ ޝައުގުކަމަށްވާތީ އެބަޔަށް ޖެހިލާނަމެވެ. ސިޓީ ފުޓްބޯލް ގްރޫޕަކީ އޭނާގެ މިލްކެކެވެ. މިއީ މެންޗެސްޓަރ ސިޓީގެ ބެލެނިވެރި ކުންފުނިވެސްމެއެވެ. އޮސްޓްރޭލިޔާގެ މެލްބަން ސިޓީ ފުޓްބޯލް ކުލަބާއި އެމެރިކާގެ ނިއުޔޯކް ސިޓީ ފުޓްބޯލް ކުލަބާއި އިންޑިޔާގެ މުމްބާއީ ސިޓީ ފުޓްބޯލް ކުލަބަކީވެސް މިދެންނެވި ސިޓީ ފުޓްބޯލް ގްރޫޕަށް ނިސްބަތްވާ ކުލަބުތަކެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޖަޒީރާ ސްޕޯޓްސް ކުންފުނީގެ ޗެއަރމަނަކީވެސް ޝައިޚު މަންސޫރެވެ. ޔޫއޭއީގެ އެންމެ ވަރުގަދަ އެއް ކުލަބްކަމަށްވާ އައްޖަޒީރާގެ ވެރިޔަކީވެސް އޭނާއެވެ. ޔޫއޭއީގެ ހޯސް ރޭސިން އޮތޯރިޓީގެ ޗެއަރމަނަކީވެސް އޭނާއެވެ. ޝައިޚު މަންސޫރަކީ އަސްދުއްވުމަށް ލޯބިކުރައްވާ ކުޅަދާނަ އަސްވާރެއްވެސްމެއެވެ. އަރަބި ދުނިޔޭގެ ވަރަށްގިނަ އަސްރޭހުގައި ވާދަކުރައްވައި އެއްވަނަވެސް ހޯއްދަވައިފައިވެއެވެ. ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ނުކުޅުއްވިއަސް ފުޓްބޯޅަވެސް ކުޅުއްވިއެވެ. ހުނަރުވެރިކަމާއެކުއެވެ. އެހެންވީމާ ކުޅިވަރަކީ އޭނާގެ ކިބައިގައި މާކުރީއްސުރެވެސް އަށަގެންފައިވާ ޝައުގަކީއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބާނީ، ރައީސް އަދި އަބޫދާބީގެ އަމީރު ޝައިޚް ޒައިދު ބިން ސުލްތާން އާލްނަހުޔާނުގެ ދަރިކަލަކަށްވީމާ ފުޓްބޯޅަ ކުޅޭކަށް ދޫކުރުމެއް ނޯންނާނެތާއެވެ. ކުޅުންތެރިޔަކަށްނުވީ އެހެންވެގެންނެވެ.
ޔޫއޭއީގެ މިހާރުގެ ރައީސް އަދި އަބޫދާބީގެ އަމީރު ޝައިޚު މުހައްމަދަކީ ޝައިޚު މަންސޫރުގެ ބޭބޭފުޅެވެ. ޝައިޚު މަންސޫރަކީ ހަމައެކަނި އަބޫދާބީގެ ރޯޔަލެއް ނޫނެވެ. ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އަދި މުއްސަނދި އެމިރޭޓް ކަމުގައިވާ ދުބާއީގެވެސް ރޯޔަލެކެވެ. އެހެނީ ޝައިޚު މަންސޫރުގެ އަނބިކަނބަލުން މަނާލަކީ ދުބާއީގެ އަމީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލްމަކްތޫމުގެ ދަރިކަނބަލުންނެވެ. ނަންފުޅުގެ ކުރިއަށް ޕްރިންސް ނުލިޔުނަސް އަދި އެހެން ނުކިޔަކަސް ޝައިޚު މަންސޫރަކީ ޔޫއޭއީގެ އެންމެ މުހިންމު ޕްރިންސެވެ. އަބޫދާބީ އާއި ދުބާއީގައިވެސް އެއް ހައިސިއްޔަތެއް ލިބިވަޑައިގެން ހުންނެވި ޕްރިންސެކެވެ. މިވަރުގެ ބާރުގަދަ، ހައިސިއްޔަތު ބޮޑު އެހެން ޕްރިންސަކު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކު ނެތެވެ.