ދުނިޔެ

ގޭންގުތަކަށް ނިސްބަތްވާ އެންމެން ހައްޔަރުކުރަން ފެށީމާ އެލްސެލްވަޑޯރުގައި މީހުން މެރުން މުޅިން ހުއްޓިއްޖެ

ދުނިޔޭގައި މީހުން މެރުން އެންމެ ގިނަ ކަމަށް ރިކޯޑުކުރެވި، އެރޮނގުން މަޝްހޫރުވެފައިވާ އެލްސެލްވަޑޯރުގައި ހުސްވި އަހަރުގެ މެއި މަހުގެ ދިހަޔަކުން ފެށިގެން މިއަހަރުގެ މެއި މަހުގެ ދިހަވަނަ ދުވަހާ ހަމައަށް އެންމެ މީހަކުވެސް މަރާފައިނުވާ ކަމަށާއި ލެޓިން އެމެރިކާގެ އެންމެ އަމާން ގައުމުކަމަށް ވެވިއްޖެކަމުގައި އެލްސެލްވަޑޯރުގެ ރައީސް ނަޔިބް ބުކޭލޭ ވިދާޅުވެއްޖެއެވެ.

ގާތްގަޑަކަށް 6.5 މިލިޔަން މީހުން ދިރިއުޅޭ އެލްސެލްވަޑޯރުގައި ގޭންގު ކުށްތައް އާއްމުވެ 2019 ވަނަ އަހަރު އެކަނިވެސް ކޮންމެ އެއްލައްކައެއްގެ ތެރެއިން 38 މީހުން ވަނީ މަރައިލެވިފައެވެ. މިކަން ހުއްޓުވުމަށްޓަކައި ރައީސް ބުކޭލޭވަނީ ހުސްވި އަހަރުގެ ކުރީކޮޅު ކުށްކުރުމާ ދެކޮޅަށް ހަނގުރާމައެއް އިއުލާން ކުރައްވައިފައެވެ. މާސިންގާ އެތަކެއް ޖަލު ހައްދަވައި ގޭންގުތަކަށް ނިސްބަތްވާ މީހުން ސަރިޔަތަކާނުލައި ދަނީ ހައްޔަރު ކުރަމުންނެވެ.

ޖަލުތައް އިތުރުކުރުމުން އެތަންތަނުގެ ޖާގަ ލައްކައަކަށްވުރެ މަތިކުރެވިފައިވެއެވެ. މި ހަނގުރާމަ އިއުލާންކުރުމަށްފަހު ކޯޓު އަމުރެއްވެސް ނެތި މިހާތަނަށް ބައިލައްކަ މުޖުރިމުން ހައްޔަރުކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މިއެންމެންނަކީވެސް އެކިއެކި ގޭންގުތަކަށް ނިސްބަތްވާ މީހުންނެވެ.

ގޭންގުތަކުގެ މީހުން ހައްޔަރުކުރުމުގެ މަސައްކަތާއެކު އުމުރުފުޅުން 41 އަހަރުވީ ރައީސްގެ މަގުބޫލުކަން ވަނީ ވަރަށް މަތިވެފައެވެ. ޚިޔާލުހޯދުންތަކުން ދައްކާގޮތުގައި އޭނާގެ މި ސިޔާސަތަށް ރައްޔިތުންގެ 92 އިންސައްތަ މީހުން ތާއީދުކުރެއެވެ. ރައީސްކަމަށް އިންތިޚާބުވުމުގެ ކުރީގައި އޭނާއަކީ ނައިޓް ކުލަބެއް ހިންގެވި ވިޔަފާރިވެރިއެކެވެ. ކުށްވެރިންނާއި ކުށުގެވެށި ރަނގަޅަށް ފެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ.