މިފްކޯއިން އަލަށް ގެނައި މަސް ބޯޓު "ޖަޒީރާ 103" އަށް މަސް ކިރަން ފަށައިފިއެވެ.
އެ ބޯޓަށް މަސް ކިރަން ފެށުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި މިއަދު ހަވީރު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މިއަހަރަކީ މިފްކޯއިން މަސްވެރިންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރި އަހަރު ކަމަށެވެ. އެގޮތުން އެއް ބިލިއަނާ ގާތްކުރާ އަދަދަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ހުވަދޫ އަތޮޅުގެ ބޭރުގައި އެ އަތޮޅަށް ހާއްސަ މަސްކިރާ ބޯޓެއް ބޭއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި މިއަދު މިވަނީ އެ ވައުދު ފުއްދާފައި ކަމަށް ފައުޒީ ވިދާޅުވިއެވެ.
"ޖަޒީރާ 103 އަކީ ފަސޭހަކަމާ އެކު ބޯޓުގެ ދެ ފަރާތުން މަސް ކިރުވުމަށް ހާއްސަ ކުރެވި، ވަރަށް ފަސޭހައިން މަސް ކިރުވޭނެ ބޯޓެއް. އަދި މި ބޯޓުގައި ގާތްގަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ ހުންނާނެ އަދި ސްޓޯރޭޖް ކެޕޭސިޓީއަށް ބަލާކަމަށްވަންޏާ 400 ޓަނަށްވުރެ އިތުރަށް މަސް ރައްކާ ކުރެވޭނެ،،" ފައުޒީ ވިދާޅުވިއެވެ
ފައުޒީ ވިދާޅުވީ "ޖަޒީރާ" އިތުރު ތިން ބޯޓެއްގެ މޮޑިފިކޭޝަން މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެ ތިން ބޯޓު ވަރަށް އަވަހަށް މިފްކޯގެ އޮޕަރޭޝަނަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ރައީސް ސޯލިހު ވަނީ ބިޔަ މަޝްރޫއުތަކެއް ފަށައިފައި ކަމަށާއި އެގޮތުން ކޫއްޑޫގައި މިހާރު ހުރި 2،000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން 4،000 ޓަނުގެ ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޫއްޑޫ ބަނދަރަށް 4،00 ފޫޓު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެސްޓީއޯއާ ގުޅިގެން ދަންފަޅިއަކަށް 120 ޓަނުގެ ބްރެއިންފްރީޒް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން އިތުރު މާކެޓުތަކަށް މަސް އެކްސްޕޯޓް ކުރުމަށް ކޫއްޑޫގައި 50 ޓަން ފީފާގެ ކޮންޓެއިނާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
"މ،ި ދެންނެވި ވަސީލަތްތައް ގާއިމްވެގެން ދާއިރު ގައުމީ ޝިޕިން ލައިނުން ކޫއްޑޫގެ ބަނދަރު ކޮންޓެއިނާގެ މަސް ބޭރު ކުރަމުންދާނެ. އަދި މިއީ އިގްތިސޯދީ ގޮތުން ބޮޑު މަންފާއެއް ލިބިގެންދާނެކަމެއްކަމަށް އަޅުގަނޑު ފާހަގަކުރަން" ފައުޒީ ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި