ޚަބަރު

އިގުތިސޯދީ ބޭނުމަށް ފަޅު ރަށްތައް ދޫކުރާނެ ގޮތުގެ ގަވާއިދު އާންމުކޮށްފި

މުހައްމަދު އިޝާން

އިގުތިސޯދީ ބޭނުމަށް ފަޅު ރަށްތައް ދޫކުރާނެ ގޮތުގެ ގަވާއިދު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓުގައި "އިގުތިސޯދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އާންމުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ފަޅުރަށެއްގައި އިގުތިސޯދީ މަސައްކަތެއް ހިންގުމަށްޓަކައި އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނ، އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތީނ،ް ރައީސުލްޖުމްހޫރިއްޔާއެވެ.

ގަވާއިދުގައިވާ ގޮތުން ފަޅު ރަށެއް ކުއްޔަށް ދެވެނީ ދެ ގޮތަކަށެވެ. އެއީ އެ ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް

ހުށަހަޅާ ފަރާތަކަށް ނުވަތަ އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ.

"އިގުތިސޯދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ބަޔާންކޮށްފައިވާ ގޮތުން އިގުތިސޯދީ ބޭނުމަށް ފަޅު ރަށެއް ކުއްޔަށް ދެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، ކުއްޔަށް ދިނުމުގެ މުއްދަތު އިތުރުކުރުމަށްޓަކައ،ި އެ މުއްދަތު ހަމަވުމުގެ 12 މަސް ދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެހެން އިތުރުކޮށްދެވޭނެއެވެ. އެގޮތަށް އިތުރުކުރެވޭނީ 5،000 ރުފިޔާގެ ފީއެއް ސަރުކާރަށް ދެއްކުމުންނެވެ.

ގަވާއިދުގެ ދަށުން އިގުތިސޯދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ފަށުރަށެއްގެ ކުލި ކަނޑައަޅާނ،ީ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކޮށް އިކޮނޮމިކް މިނިސްޓްރީންނެވެ. އެގޮތަށް ކުލި ކަނޑައަޅާ އިރު، ކުލީގެ އަދަދު އަކަފޫޓަކަށް އަހަރަކު 10 ލާރިއަށްވުރެ ދަށްވެގެން ނުވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އިގުތިސޯދީ ބޭނުންތަކަށް ފަށުރަށެއް ކުއްޔަށް ދޫކުރުމަށް ހުއްދަދޭ އިރު، އެކުއިޒިޝަން ފީގެ ގޮތުގައި ފީއެއް ދެއްކުމަށް ޝަރުތުކުރުމުގެ އިހުތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި އެ ގޮތުން އެކިއުޒިޝަން ފީގެ އަދަދު ކަނޑައަޅާނީ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކޮށް، އިކޮނޮމިކް ކައުންސިލުން ކަމަށް ގަވާއިދުގައިވެއެވެ.

އިގުތިސޯދީ ބޭނުމަށް ދީފައިވާ ރަށެއްގެ އެއްބަސްވުން މުއްދަތު ހަމަވުމުގެ ކުރިން ބާތިލުކުރެވޭނީ ރާއްޖޭގެ ދިފާއަށް އެރަށެއް ބޭނުންވެއްޖެ ހާލަތެއްގައި ދެ އަހަރު ދުވަހުގެ ނޯޓިސް ދިނުމަށް ފަހުއެވެ. އަދި ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އެއްބަސްވުން ބާތިލުކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަށް 100،000 ރުފިޔާއިން ޖޫރިމާނާ ކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އިގުތިސޯދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ތެރޭގައި ޓޫރިޒަމަށާއި މަސްވެރިކަމަށް އަދި ސަރުކާރުން އެކި މަޝްރޫއު ހިންގާ ރަށްރަށާއި ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރުން އެކި މަސައްކަތް ހިންގާ ރަށްރަށް ނުހިމެނޭނެއެވެ.