އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ލޯ ފާމް, ލިޓިގަންޓްސް އިންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.
ލިޓިގަންޓްސް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުނު ކަމަށް ބުނެ އެ މަނިކުފާނުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ޝަރީފު ޓުވީޓެއް ކުރައްވާފައިވާ ކަމަށް ބުނެއެވެ. ޝަރީފުގެ ކިބައިން އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް ވަނީ އެދިފައެވެ.
އެގޮތުން ރައީސް ނަޝީދުގެ ކިބައިން ކޯޓުގައި އެދިފައިވަނީ އެ މަނިކުފާނަށް ނިސްބަތްކޮށް ޝަރީފު ކުރި ޓުވީޓުގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ޝަރީފު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓްރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ބުނެފައިވެއެވެ.
ޝަރީފު ބުނެފައިވާ ގޮތުން, ރައީސް ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުނީ ކުލީ ސިފައިން ރާއްޖެ ގެނެސްގެންނެވެ. އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް, އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލައިގަ ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ދައުވާ އަނބުރާ ގެންދަވަން ބޭނުންވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވުމެވެ.
ނަޝީދު އެ ދައުވާ އަނބުރާ ގެންދަވާފައިވަނީ ޝަރީފުގެ ފަރާތުން ދިފާއުވެސް ހުށަހެޅުއްވި ފަހުންނެވެ. އެހެންވެ، ދައުވާ އަނބުރާ ގެންދިއުމާމެދު ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރުވެސް ޝަރީފުގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
މަދަނީ ދައުވާއެއް ކުރުމަށް ފަހު ދައުވާ އަނބުރާ ގެންދާ ހާލަތުގައި، ދައުވާގެ ސަބަބުން ކުރަންޖެހުނު ހަރަދެއް އޮތް ނަމަ، ދައުވާ ކުރި ފަރާތުން އެކަމަށް ޒިންމާވާން ޖެހޭނެ އެވެ. ނަމަވެސް ހުކުމުން އެނގޭ ގޮތުގައި އެ ހަރަދު ހޯދަންވެސް ޝަރީފުގެ ފަރާތުން ހުށަހަޅުއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު