ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ޓޯކްޝޯއަކާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
"ޑިޖިޓަލް ރާއްޖެ"ގެ ނަމުގައި އިއްޔެ ޓެލެވިޝަން މޯލްޑިވްސް އަދި އެސްއެސްޓީން ގެނައި އެ ޓޯކްޝޯގައި އަލިއަޅުވާލާފައިވަނީ ދިވެހި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރަށެވެ.
އެ ޓޯކްޝޯގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު، ޒުލައިހާ އިބްރާހީމާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑަރު އައިޝާ އަދްނާނާއި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދެވެ.
އެ ޓޯކްޝޯގައި ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފެށުނު ގޮތާއި އެ ސިނާއަތް މިއަދާ ހަމައަށްވެސް ކުރިއަރާފައިވާ ގޮތުގެ މައްޗަށް ވާހަކަދައްކާފައިވާއިރު، ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި އޭގެ ސަބަބުން ކާމިޔާބު ކަމާއެކު މީހުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޑިޖިޓަލް ސްޕޭސްއެއް ގާއިމުކުރާނެ ގޮތާ ގުޅޭ ގޮތުން މެހެމާނުންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.
ޓޯކްޝޯއެއްގެ އިތުރުން މި އަހަރުގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް އެކި ކީ ސްޓޭޖްތަކުގެ ސްކޫލް ދަރިވަރުންނަށް ދައުވަތު ދީފައެވެ. އެ ޒިޔާރަތްތަކުގައި އެ ކުދިންނަށް ދިރާގުގެ އެކި ޓީމުގެ މެމްބަރުންނާއެކު ތަފާތު ޕްރެކްޓިކަލް އަދި މައުލޫމާތު ސެޝަންތައް ނަގައިދީ، ސުވާލާއި ޖަވާބު ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުންވެސް ދިރާގުން ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން 100ޖީބީގެ މުޅިން އާ ޑޭޓާ ޕެކްތަކެއްވެސް ތައާރަފުކޮށްފައެވެ.