ޚަބަރު

އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން ބަންޑާރަނައިބަށް 14 ދުވަހުގެ ނޯޓިސް ދީފި

އިބްރާހިމް ޒަކީ

ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ގާނޫނުގައި ބުނާ 14 ދުވަހުގެ ނޯޓިސް ބަންޑާރަ ނާއިބަށް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 13 މެންބަރުންގެ ސޮޔާއެކު ބަންޑާރަނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ބުނާގޮތަށް، އެ މައްސަލަައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ކުރިން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ބަންޑާރަނާއިބު ރިފްއަތަށް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދުމާއެކު، މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ގަޑިއިރުގެ ބަހުސަކަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަަމަށް ފާސް ކުރެވޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުން އެމީހެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލިސް ރައީސް މިއަދު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރާނެ ދުވަހެއް މެންބަރުންނަށް ފަހުން އަންގަވާނެ ކަމަށެވެ.