މަޝްހޫރު މެސެޖިން އެޕް ވަޓްސްއެޕް އަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނެސްފިއެވެ. އެގޮތުން ވަޓްސްއެޕް އަށް ޕްރައިވެސީ އާއި ސެކިއުރިޓީގެ އިތުރު ފަށަލައެއް ލުމަށް ފަހު 'ޗެޓް ލޮކް' ގެ ނަމުގައި އާ ފީޗާއެއް މިވަނީ ތައާރަފު ކޮށްފައެވެ. ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެމީހުން ފޮނުވާ މެސެޖްތައް ތަޅުލެވޭ ފީޗާ މިހާރު ތައާރަފުކޮށްފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް އަށް ވެސް މި ފީޗާ މިހާރު ލިބޭނެ އެވެ.
މި ފީޗާ ހޯދުމަށް ވަޓްސްއެޕްގެ އެންމެ ފަހުގެ ވަޝަން އެޕް ސްޓޯ ނުވަތަ ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރަން ޖެހޭނެއެވެ. ވަޓްސްއެޕް ގައި މިހާރުވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން ހިމެނޭ އިރު މި އިތުރު ކުރެވުނު އައު ފީޗާގެ ސަބަބުން، ހިޔާރުކުރާ ވަކި ކޮންވަސޭޝަންތަކެއް ހުޅުވުމަށް އިތުރު ޕާސްކޯޑެއް ޖަހަން ޖެހޭނެއެވެ. އެހެން ކަމުން ވަކި ވަކި މީހުން ފޮނުވާ އިތުރު މީހަކަށް ފެންނަން ބޭނުން ނުވާ މެސެޖްތައް މި ލޮކް ބޭނުން ކޮށްގެން ފޮނުވޭނެއެވެ. ކުރިން ކުރެވޭ ކަމަކީ އާކައިވް ކޮށް ފޮނުވާލުމެއެވެ. އެހެން ނަމަވެސް މިހާރު ޗެޓްތަކަށް ވަނުމަށްޓަކައި ޕާސްކޯޑް، ފިންގަޕްރިންޓް ނުވަތަ ފޭސް އައިޑީ އޮތެންޓިކޭޝަން ޖަހައިގެން ލޮކްކޮށްފައިވާ މެސެޖްތައް ރައްކާކުރެވޭނެއެވެ.
އަލަށް މި ނެރުނު ޗެޓްލޮގް ފީޗާ އިއުލާން ކުރަމުން މެޓާ ކުންފުނިން ނެރުނު ކުރުބަޔާނެއްގައި ބުނެފައިވަނީ މެސެޖްތައް ލޮކް ކުރުމުން އެ މެސެޖްތައް ވަކިން ހާއްސަ ފޯލްޑަރަކަށްވެސް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި, މި ޗެޓްތަކުގެ ނޮޓިފިކޭޝަންތަކުން، މެސެޖުކުރި ފަރާތުގެ ނަން ނުވަތަ މެސެޖް ޕްރިވިއު ނުފެންނާނެ ކަމަށާއި، މި ޗެޓްތަކުގައި ހިއްސާކުރާ މީޑިއާ ފައިލްތައް އޮޓޮމެޓިކުން ފޯނުގެ ގެލެރީއަށް ސޭވް ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން ޒާތީ މައުލޫމާތުތަކަށް އިތުުރު ރައްކާތެރިކަމެއް މިވަނީ ލިބިގެން ގޮސްފައެވެ.
ފޮނުވާ މެސެޖުތަކަށް ވަކި ވަތުގެއްގެ ތެރޭގައި ބަދަލު ގެނެވޭ (އެޑް ކުރެވޭ ގޮތަށް) ހެދުމަށް ފަހު މިހާރު މި ގެނައި ބަދަލަކީ ފޮނުވާ މެސެޖްތަކާއި ދައްކާ ވާހަކަތައް އިތުރު ފަރާތަކަށް ނުފެންނާނެހެން ޕްރައިވެސީ ކޮންޓްރޯލްކޮށް އިތުރު ރައްކާތެރިކަން ދިނުމެވެ. މިއީ ސިއްރު އަދި މީހުންގެ ޒާތީ މައުލޫމާތުތަކަށް އަދި ޕްރައިވެޓް މަޝްވަރާތައް ރައްކާތެރިކޮށްދޭ ސެކިއުރިޓީގެ އިތުރު ފަށަލައެކެވެ.