ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ކުވޭތުގެ ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ސަލާމުގެ ވަގު ސެޓްފިކެޓެއް ހުށައެޅި މައްސަލައިގައި ކުށްވެރިވެ ބުރަމަސައްކަތާއެކު ތިން އަހަރަށް ޖަލަށް ލުމަށް އެތާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ކޯޓަށް ސާބިތުވި ގޮތުގައި ސަލާމުގެ ސެޓްފިކެޓްގައިވާ ތާރީޚުގައި އެމީހާ ބަލިވެގެން ސަރުކާރުގެ ހޮސްޕިޓަލަކަށް އަދި ޕްރައިވެޓް ކުލިނިކަކަށްވިޔަސް ގޮސްފައެއް ނުވެއެވެ. އެއްވެސް ޑޮކްޓަރަކަށް ދައްކައި އެއްވެސް ފަރުވާއެއް ލިބިގެންފައެއް ނުވެއެވެ. އޭނާ ހުށައެޅި މެޑިކަލް ސެޓްފިކެޓަކީ ބަލިނުވަނީސް ބަލިކަމަށް ހެދިގެން މަސައްކަތުން އެކަހެރިވެގަތުމަށްޓަކައި ކޮށްފައިވާ ވައްކަމެއް ކަމަށްވެސް ކޯޓަށް ވަނީ ސާބިތުވެފައެވެ.
ލިޔުންތައް ނަކަލުކޮށްގެން ވައްކަންކުރުން ހުއްޓުވުމަށްޓަކައި ކުވޭތުގައި ވަރަށް ހަރުކަށި ގާނޫނެއް ވަނީ ހަދައިފައެވެ. އެ ގާނޫނުގައި ބުނާގޮތުން ރަސްމީ ލިޔުމެއް އުފައްދައިފިނަމަ ދިހައަހަރާ ހަމައަށް އަދި ނުރަސްމީ ލިޔުމެއް އުފައްދައިފިނަމަ ތިން އަހަރާ ހަމައަށް ޖަލަށްލެވިދާނެއެވެ. އަދި ބޮޑެތި އަދަދުތަކުން ޖުރިމާނާވެސް ކުރެވިދާނެއެވެ.
މިފަހަރު ޖަލަށްލެވުނު މީހާގެ ސަރީޔަތް ނިމެންދެން ހައްޔަރުން ދޫކޮށްލުމަށްއެދި އޭނާގެ ފަރާތުން ހުށައެޅި ހުށައެޅުންވެސް ކަމުގެ ސީރިއަސްކަމަށް ބަލައިފައި ކޯޓުން ބަލައެއް ނުގަތެވެ. އެއީ މިބާވަތުގެ ކުށްކުށުގައި އަމަލުކުރާ އުސޫލެވެ. މިވަރަށް މިކަން ހަރުކަށިކޮށްފައިވަނީ ރަސްމީ އަދި ނުރަސްމީ ލިޔުންތައް ނަކަލުކޮށްގެން ޚިޔާނާތުގެ އަމަލުތައް ހިންގުން ގިނަވުމާ ގުޅިގެންނެވެ.