އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެގެން ފިޔަވަޅު އަޅާ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު އަޅާ ފިޔަވަޅު އިސްތިއުނާފު ކުރެވެން ހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން ފިޔަވަޅު އަޅާ ކޮމިޓީގައި އިއްޔެ ވަނީ އެދިފައެވެ. މެމްބަރުންނަކީ އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އާޒިމް އެމްޑީޕީން އެއް އަހަރަށް ވަކިކޮށް، އެ ޕާޓީގެ އެއްވެސް އިންތިހާބެއްގައި ފަސް އަހަރަށް ވާދަކުރުން މަނާވާނެ ކަމަށެވެ. އެ ނިންމުމަށް ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.

ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ ހުށަހަޅަނީ ވަކި މީހަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

"މައްސަލަ ހުށައަޅަނީ ވަކި މީހަކަށް ނޫން، ކަމާބެހޭ ކޮމިޓީ އަށް ނުވަތަ މަޖިލިސް އަށް މުގައްރިރު ނުވަތަ ނައިބު މުގައްރިރު، ރައީސް ނުވަތަ ނާއިބު ރައީސް އޮންނަ އުސޫލުން ކުރިއަށް ގެންދާނެ ހިތްހަމަނުޖެހޭ ފަރާތަށް އިސްތިއުނާފް ކުރަން 30 ދުވަސް އަސާސީ ގަވާއިދުގަ އެބައޮތް،" އިބުރޭ ވިދާޅުވިއެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ނިންމުމުން ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބައުންޑަރީ ކަނޑައެޅުމުގައި ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށާއި އެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހުމާލު އެބައޮތް ކަމަށެވެ.

"ވީމާ ޕާޓީ އިން ވަކިކުރަންވީ މެމްބަރު އަލީ އާޒިމް އެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް ރޭ ވިދާޅުވެފައިވަނީ އާޒިމަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން ކަމަށެވެ. އަދި ބާކީ ތިބި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެ މެމްބަރުން މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ވިޕްލައިނާ ހިލާފުވެ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރައްވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެކަމަށް އަސްލަމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އަސާސީ ގަވާއިދާ ހިލާފުވެ، ވިޕްލައިންތަކާ ހިލާފަށް ވޯޓު ދިން މެމްބަރުންނަށްވެސް ވަނީ މީގެ ކުރިން ފިޔަވަޅު އަޅައިފައެވެ.

ވިޕްލައިނާ ހިލާފުވެގެން އިލްޔާސްއާއި ހަސަން ލަތީފާއި ޔާސިރާއި އިންތިއަށް ވަނީ ނަސޭހަތްދީ، ފިޔަވަޅު އަޅައިފައެވެ.

ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތަކަކީ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މައާފަށް އެދެން އެންގުން، ތިން ވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން، ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުމާއި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން އަދި ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.