ސަލްމާން ޚާންގެ މަގުބޫލު ފިލްމު، ޓައިގާ ގެ ތިންވަނަ ސީކުއިލަށް ޝާހުރުކްޚާން އިސްތަށިގަނޑު ދިގުކުރަން ފަށައިފިއެވެ.
އެކަން ފާހަގަ ވެފައިވަނީ އަންހެނުން ގޯރީ ޚާންގެ ފޮތް ލޯންޗު ކުރި ހަފުލާގައި ޝާހުގެ އިސްތަށިގަނޑު އައްސާފައި އޮތުމުންނެވެ. ޝާހުގެ ގާތް މީހަކު މީޑިއާއަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އޭނާ އިސްތަށިގަނޑު ދިގު ކުރަނީ ފިލްމު ޕަތާންގެ ލުކް ގެނައުމަށެވެ. ފިލްމު ޓައިގާ ގައި ޝާހު ކުޅޭ ރޯލުގައި ފެނިގެންދާނީ އެގޮތަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޝާހުގެ ފިލްމު ޕަތާން އިން ސަލްމާން ފެނިގެންގޮސްފައިވާއިރު އެ ފިލްމުގައި ފެނިގެން ދިޔަ ސްޓަންޓްތަކާއި އެކްޝަންތަކަށްވުރެ މާ ވަރުގަދަ ސީންތަކެއް ފިލްމު ޓައިގާގައި މި ދެތަރިންގެ ފަރާތުން ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ. ޓައިގާގެ ތިންވަނަ ސީކުއިލްގައި ޝާހުގެ ޕަތާން ކެރެކްޓަރު ސަލްމާންގެ ޓައިގާ ކެރެކްޓަރު ސަލާމަތްކޮށްދޭނެ ކަމަށްވެއެވެ. ފިލްމު ޕަތާންގައި ސަލްމާންގެ ޓައިގާ ކެރެކްޓަރު ޝާހު ސަލާމަތްކުރާތަން ފެނެއެވެ.
ޝާހު މިހާރު އަންނަނީ އޭނާގެ ފިލްމު "ޖަވާން" ގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރަމުންނެވެ. ސަލްމާން ގެންދަނީ ބިގް ބޮސްގެ މަސައްކަތްކުރަމުންނެވެ. ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ" ޝާހު އަށް ހުށަހެޅުމަށް ނިންމާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ސަލްމާންގެ ފިލްމު ނޯ އެންޓްރީގެ ސީކުއިލެއް ހެދުމަށް ސަލްމާން ގަސްދުކުރާކަމަށްވެސް އަޑުތައްވަނީ ފެތުރިފައެވެ.
ފިލްމު ޕަތާންގެ އިތުރުން ޑޯން 2 އަދި ހެޕީ ނިއު އިޔާ ކުޅުމަށްވެސް ޝާހު އިސްތަށިގަނޑު ދިގުކޮށްފައިވެއެވެ. ޓައިގާ ގެ ތިންވަނަ ބައި ނެރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ނޮވެމްބަރުގައެވެ.