އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރިމައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން ވަކި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބުނެފިއެވެ.

އަލީ އާޒިމް އެމްޑީޕީން ވަކިކުރީ، ޕާޓީގެ އަސާސީ ގަވާއިދާހިލާފަށް އޭނާ ކުރި ކަންތައްތަކެއް ފާހަގަކޮށް އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ޕީޖީ ގްރޫޕުން އެ ޕާޓިގެ ފިޔަަޅާ ކޮމިޓީއަށް ހުށަހެޅުމުންނެވެ.

އެ މައްސަލައިގައި އަމަލުކުރިގޮތާ ބެހޭގޮތުން ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނެރުނު ރިޕޯޓުގައި ވަނީ، ޕީޖީ ގްރޫޕުން ދެ ކަމެއް ފާހަގަކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މި މަހުގެ 11 ވަނަ ދުވަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަރތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އިދިކޮޅު މެންބަރުންނާއެކު ސޮއި ކުރުމާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިހުރެ ބައިވެރިވުމެވެ.

އެކަންކަމަކީ ޕާޓީގެ ސިޔާސަތުތަކާއި އަސާސީ ގަވާއިދާ ހިލާފަށް އަލީ އާޒިމް ކުރިކަމެއް ކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުން އިއްތިފާގު ވެފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެގައިވެއެވެ.

އެހެންކަމުން އަލީ އާޒިމް ޕާޓީން ވަކިކުރަން އެ ކޮމިޓީން ނިންމާފައިވަނީ ހަރުކަށީ ފިޔަވަޅުތަކަކާއެކުގައެވެ.

އަލީ އާޒިމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، އެ އެއްއަހަރު ދުވަސް ފާއިތުވުމަށްފަހު، އޭނާގެ މެންބަރުކަން ޕާޓީން ގަބޫލު ކުރާނީ، މެންބަރަކަށް ވުމަށް އެދޭފޯމާއެކު، މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ ސައްހަ 100 މެންބަރުންގެ ފޯމު ހުށަހެޅުމުންކަމަށް ވެސް ވަނީ ޝަރުތު ކޮށްފައެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވުމާއި، ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭގޮތަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓެއް އަލީ އާޒިމަކަށް ނުލިބޭނެއެވެ.