Close
މުނިފޫހިފިލުވުން

އަމީތާބާއި އަނުޝްކާ ހެލްމެޓް ނާޅައި ސައިކަލު ދުއްވި މައްސަލަ ހޫނުވެއްޖެ

އަމީތާބް ބަޗަން އަދި އަނުޝްކާ ޝަރުމާ އިއްޔެ ވަނީ މުމްބާއީގެ ޓްރެފިކުން ސަލާމަތްވާންވެގެން ކާރު ދޫކޮށް ސައިކަލުގައި ދަތުރުކޮށްފައެވެ. އިންޓަނެޓުގައި މި ފޮޓޯތައް އާންމުވެފައިވާއިރު ދެމީހުންވެސް ހެލްމެޓް ނާޅައި ތިބުމުން އެމައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ޓްރެފިކްގައި ޖެހި ގިނައިރުތަކެއްވާތީ ނުދަންނަ މީހެއްގެ ސައިކަލުގައި ދަތުރު ކުރި މަންޒަރު އެންމެ ފުރަތަމަ ހިއްސާކުރީ އަމީތާބްގެ އަމިއްލަ އިންސްޓަގްރާމުގައި އޭނާއެވެ.

އޭގެ ފަހުން އަނުޝްކާވެސް ސައިކަލުގައި އިއްޔެ ދަތުރުކުރި މަންޒަރުވަނީ ފެނިފައެވެ. ގަހެއް ވެއްޓި މަގު ބަންދުވުމާ ގުޅިގެން ބޮޑީގާޑުގެ ސައިކަލުގައި އަނުޝްކާ ދިޔަ މަންޒަރުގެ ފޮޓޯ އާންމު ކުރީ ޕަޕަރާޒީއެކެވެ.

މި ފޮޓޯތައް އާންމު ވުމުން ގިނަ ބަޔަކު ވަނީ އެމީހުން ހެލްމެޓް ނާޅައި ތިބުމުން އެމައްސަލަ ނަގާފައެވެ. އަދި މީސްމީޑިއާގައި މުމްބާއީ ޕޮލިސްވެސް ވަނީ ޓެގް ކޮށްފައެވެ. މިއަށް ޖަވާބު ދެމުން މުމްބާއީ ފުލުހުން ވަނީ އެކަން ޓްރެފިކް ބްރާންޗުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ބުނެފައެވެ.

އަމީތާބާއި އަނުޝްކާ ހެލްމެޓް ނާޅާ ސައިކަލް ދުއްވި މައްސަލަ ހޫނުވެފައިވާއިރު އެމީހުން ގޮވައިގެން ސައިކަލު ދުއްވަން ތިބި މީހުންވެސް ތިބީ ހެލްމެޓް ނާޅައެވެ.