ތައިލެންޑުގެ ރައްޔިތުން އެތާގެ ބޮޑުވަޒީރު ޖެނެރަލް ޕްރަޔޫތާއި އޭނާގެ ސަރުކާރަށް މިހަފުތާގެ އާދީއްތަ ދުވަހު ރިޕޯޓްކާޑު ދީފިއެވެ. އެގައުމުގެ އާއްމު އިންތިޚާބުގައި ރައްޔިތުން ނުކުމެ އަޑުހަރުކޮށް ސަރުކާރަށް ނޫނެކޭ ބުނެ އިއްވައިފިއެވެ. ޖެނެރަލް ޕްރަޔޫތު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު އަސްކަރީ އިންގިލާބެއްގައެވެ. އެފަހުން އަސްކަރީ ޔުނިފޯމް ބާލުއްވައި މަދަނީ ފޭރާމުގައި ވެރިކަންކުރައްވަނީ މައިގަޑުގޮތެއްގައި ދެ ޕާޓީއެއް ގުޅިގެންނެވެ. އެއީ އޭނާގެ ޔުނައިޓެޑް ތައީ ނޭޝަންސް ޕާޓީ އާއި ބޮޑުވަޒީރުގެ ނާއިބު ޖެނެރަލް ޕްރަވީތުގެ ޕަލާންގް ޕްރަޗަރަތު ޕާޓީއެވެ. މިދެބައިމީހުންނަށް އާދީއްތަ ދުވަހުގެ އާއްމު އިންތިޚާބުގައި ލިބުނީ ޕާލަމެންޓުގެ ޖުމްލަ ފަސްސަތޭކަ ގޮނޑީގެ ތެރެއިން ފަނަރަ އިންސައްތައަށްވުރެވެސް ކުޑަ މިންވަރެކެވެ.
އިންތިހާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޕިޓާ ލިމްޖަރޮއެންރަތުގެ މޫވް ފޯވާރޑް ޕާޓީ އާއި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން ޕައެޓޮންގްޓަން ޝިނަވަޓްރާގެ ފެއު ތައީ ޕާޓީއެވެ. މޫވް ފޯވާޑް ޕާޓީއަށް 151 ގޮނޑި ލިބިފައިވާއިރު ޕައެޓޮންގްޓަންގެ ފެއު ތައީއަށް 141 ގޮނޑި ލިބިފައިވެއެވެ. މިދެބައިމީހުންނާ އިއްތިހާދުވެފައިވާ ކުދިކުދި ހަތަރު ޕާޓީއެއް އެއްކޮށްލުމުން ޕާލަމަންޓުގެ ޖުމްލަ ގޮނޑީގެ ތެރެއިން 60 އިންސައްތަ ލިބެއެވެ. އެހެންވީމާ އައު ސަރުކާރެއް އުފައްދަން ކިތަންމެހައިވެސް ފުރިހަމަ އަދި ކިތަންމެހައިވެސް ބޮޑު މެޖޯރިޓީއެއް އިދިކޮޅަށް ވަނީ ލިބިފައެވެ. މިއީ ތައިލެންޑަށް އައި ސިޔާސީ ބިންހެލުމެކެވެ. އަސްކަރިއްޔާ އާއި އަސްކަރިއްޔާގެ މަދަދު ލިބޭ ޕާޓީތަކުގެ ކަންކަށިމަތީގައި ރައްޔިތުން އަޅައިލި އެތިފަހަރެކެވެ.
އަސްކަރީ ސަރުކާރަށް ރައްޔިތުން މިފަހަރު ނޫނެކޭ ބުންޏަސް، ރައްޔިތުން ވޯޓުދިން ފަރާތްތަކަށް ވެރިކަމުގެ ބާރުދޫކޮށްލާނެކަން އަދި މުޅިން ކަށަވަރެއް ނޫނެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކު ތިބީ ޝައްކެއްގެ ތެރޭގައެވެ. ޖެނެރަލް ޕްރަޔޫތާއި އޭނާގެ ޖެނެރަލުން ދެން ރާވައިފާނެ ރޭވުމެއް ނޭނގޭތީއެވެ. ވެރިކަމުގައި ދެމިތިބުމަށް ކޮށްފާނެ ކަމެއް ނޭނގޭތީއެވެ. ފާއިތުވި ތަނުގައި ކަންކަން ހިނގާފައިވާގޮތާއި ކަންކުރާ ހަމަޔަށް ބަލާއިރު ބިރުގަތުމަށް ފުރުސަތުވެސް އެބައޮތެވެ. އަސްކަރީ އައު އިންގިލާބެއްގެ މާބޮޑު ބިރެއް ނެތެވެ. އެކަމަކު މޫވް ފޯވާޑް ޕާޓީގެ ސައްހަކަމާމެދު ސްޕްރީމް ކޯޓަށް މައްސަލައެއް ވައްދައި އެޕާޓީއަށް ވެރިކަން ނުކުރެވޭ ކަހަލަ ހުކުމެއް ނެރުމަކީ ކައިރި ކަމެކެވެ. އެންމެފަހުން 2020 ވަނަ އަހަރުވެސް މި ތަމްސީލު އޮތީ ކުޅެފައެވެ.
މޫވް ފޯވާޑް ޕާޓީއަކީ އޭރުއޮތް ފިއުޗާ ފޯވާޑް ޕާޓީ އުވައިލުމަށް ކޯޓުން ނިންމުމާ ގުޅިގެން އުފެއްދި އާ ޕާޓީއެކެވެ. ފިއުޗާ ފޯވާޑް ޕާޓީ އުވައިލުމުގެ ފަހަތުގައި ތިބީވެސް ޖެނެރަލް ޕްރަޔޫތާއި އޭނާގެ އެހީތެރިންނެވެ. އެމީހުންގެ އާރާއި ބާރަށް ލޮޅުންތަކެއް އަރައިފާނެތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. ކޮންމެއަކަސް އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. ވަގުތާއި ހާލަތު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރައްޔިތުން އެއޮތީ ސާފުކޮށް އެވެރިންގެ ބަސް އިއްވައިފައެވެ. އެބަސް އަޑުނާހައި އިންތިހާބުގެ ނަތީޖާއަށް ނުބަލައި މައިނޯރިޓީ ސަރުކާރެއް އުފެއްދުމަކީ ޖެނެރަލް ޕްރަޔޫތާއި ޖެނެރަލް ޕްރަވީތަށް މިފަހަރު އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެން ހަދައިފިނަމަ ދައްކަންޖެހޭ އަގަކީ ވަރަށްވެސް ބޮޑު އަގަކަށްވާނެއެވެ. ހިތަށްވެސް ނާރާކަހަލަ ކިތަންމެ ކިތަންމެ ކަމެއް ހިނގާނެއެވެ.
ރައްޔިތުންގެ ނިޔާ އެއޮތީ ފެންނާށެވެ. އެނިންމުމަކީ މޫވް ފޯވާޑް ޕާޓީއާއި ފެއު ތައީ ޕާޓީގެ ސަރުކާރެކެވެ. އެ ދެޕާޓީގެ ވިސްނުމަކީވެސް ގުޅިގެން ވެރިކަން ކުރުމެވެ. އައު ބޮޑުވަޒީރަކީ މޫވް ފޯވާޑް ޕާޓީގެ ލީޑަރު އުމުރުފުޅުން 42 އަހަރުވީ ޕިޓާ ލިމްޖަރޮއެންރަތު ކަމަށްވެސް ވަނީ އެއްބަސްވެވިފައެވެ. ޕިޓާއަކީ އުމުރުގެ ގޮތުން ކިތަންމެ ޒުވާނަސް އިލްމީގޮތުން ނުހަނު ގާބިލް ބޭފުޅެކެވެ. އެމެރިކާގެ ހާވަޑް ޔުނިވަސިޓީގެ ދަރިވަރެކެވެ. މޫވް ފޯވާޑް ޕާޓީގެ ކުރީ ސަފުގައި ގިނައިން ތިބީވެސް އެފަދަ ޒުވާނުންނެވެ. އެމީހުންގެ އެޖެންޑާއަކީ ތައިލެންޑް ޒަމާނީކޮށް އައުކުރުމެވެ. މެނިފެސްޓޯގައިވާ އެންމެ މުހިންމު އެއްކަމަކީ ރަސްގެފާނާއި އޭނާގެ އާއިލާއަށް ކުޑައިމީސްބަހެއް ބުނެގެން ފަނަރަ އަހަރުގެ ޖަލުހުކުމެއް އަންނަ ގާނޫނު ބަދަލު ކުރުމެވެ. އެއީ ވަރަށްވެސް ބޮޑު ވައުދެކެވެ.
އަސްކަރިއްޔާގެ ހިޔަނި ނޭޅި ތައިލެންޑުގެ ތިރީސްވަނަ ބޮޑުވަޒީރުގެ ގޮތުގައި ޕިޓާ ލިމްޖަރޮއެރަންތު ވެރިކަމުގެ ހުވައި ކުރެއްވިއަސް މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް ދެންވެސް މަގު އޮމާނެއް ނުވާނެއެވެ. ޕާލަމަންޓުން ގާނޫނުތަކަށް ބަދަލު ގެނަޔަސް ސެނެޓުން އެއަށް ރުހުންދޭން ޖެހޭނެއެވެ. ސެނެޓުގައި ތިއްބަވާ 250 މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބައެއް ނޫނެވެ. އެއީ ސަރުކާރުން ވަކި މުއްދަތަކަށް އައްޔަންކުރާ ބައެކެވެ. މިހާރު އެތިއްބެވީ ޖެނެރަލް ޕްރަޔޫތު އައްޔަން ކުރެއްވި ބޭފުޅުންނެވެ. އައު ސަރުކާރާއި އައު ޕާލަމެންޓުން އެކިގޮތްގޮތަށް ގާނޫނު އިސްލާހުކުރިއަސް މި މެންބަރުންގެ ރުހޭބަސް ލިބުން ގާތެއް ނޫނެވެ. އެކަން ކުރެވޭނީ މުޅި ސެނެޓުވެސް ބަދަލުވެގެންނެވެ. އެކަން އަވަހެއް ނުވާނެއެވެ. އަހަރުތަކެއް ނަގާނެއެވެ.