ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފުގެ އިސްތިއުފާއެކު ސަރުކާރަށް ގެއްލިގެން އެ ދިޔައީ ވަރަށް ހީވާގި އަދި ގާބިލު ބޭފުޅެއް ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވީ މިއަދުއެވެ. މަގާމުން އުސްތިއުފާ ދެއްވަމުން ކައުންސިލުތަކަށް ފޮނުއްވި ސިޓީގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަފްޝަން ވިދާޅުވެފައެއް ނުވެއެވެ. އަފްޝަން ފޯނު ނުނަންގަވާތީ އެކަމާ ބެހޭގޮތުން އަފްޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ދެމެދުގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ނަޝީދުގެ ފިކުރުގެ ދިރުމުގެ ފެކްޝަންގައި އަފްޝަންގެ ފިރިކަލުން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގެންދަވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ހާއްސަކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަމްރު ގެންދަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަފްޝަން އިސްތިއުފާ ދެއްވުމުން ނަޝީދު ވަނީ އަފްޝަނަށް ތައުރީފުކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ އަފްޝަން ވަނީ ގޮންޖެހުންތަކާއެކުވެސް ލާމަރުކަޒީ ނިޒާމު ކާމިޔާބުކުރައްވާފައި ކަމަށެވެ.

"އަފްޝަންގެ އިސްތިއުފާއާއެކު ސަރުކާރަށް ގެއްލިގެން އެ ދިޔައީ ވަރަށް މަސައްކަތްތެރި، ހީވާގި އަދި ގާބިލު އެއް ބޭފުޅާ. ގޮންޖެހުންތަކާއި ފިއްތުންތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ކާމިޔާބުކުރުމަށް ކުރެއްވި މަސައްކަތަށް ވަކިން ހާއްސަކޮށް ޝުކުރެއް،" ނަޝީދު ވިދާޅުވިއެވެ.

އިސްތިއުފާގެ ސިޓީގައި އަފްޝަން ވިދާޅުވީ އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި ކައުންސިލުތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާއި، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން، ކުރެއްވި މަސައްކަތްތައްވެސް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ. ކައުންސިލުތަކުން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައިވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.