ބަންގުލަދޭޝްގައި ކުރިއަށްދާ އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ޔޫތު އަދި ޖޫނިއާ ހޭންޑްބޯޅަ ޓީމުން މިއަދު ކުޅުނު މެޗުގައި ނޭޕާލް ބަލިކޮށް، މެޑަލްއެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ އެމް މަސޫރް އަލީ ނޭޝަނަލް ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅެމުންދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގުލަދޭޝް، އިންޑިއާ އަދި ނޭޕާލެވެ. ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ޔޫތު ޓީމާއި ޖޫނިއާ ޓީމު، މުބާރާތުގެ ދެ ކެޓަގަރީގައި ވާދަކުރެއެވެ.

މުބާރާތުގައި ރާއްޖޭގެ ދެ ޓީމުންވެސް ފުރަތަމަ ބަންގުލަދޭޝްއާއި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެފައި އޮތް އިރު، މިއަދު ނޭޕާލް އަތުން މޮޅެއް ހޯދަން އޮތީ މަޖުބޫރުވެފައެވެ. އެއީ މުބާރާތުގެ އުސޫލު އޮންނަ ގޮތުން މެޑަލްއެއް ހޯދެން އޮތީ މޮޅެއް ހޯދައިގެން ކަމަށްވާތީއެވެ. މުބާރާތުގައި ފުރަތަމަ ލީގު ބުރެއް ކުޅެ، ފައިނަލަށް ދާނީ އެންމެ މޮޅު ދެ ޓީމެވެ. ތިން ވަނަ އާއި ހަތަރު ވަނައަށް ދާ ދެ ޓީމު ވާދަކުރާނީ ބްރޯންޒް މެޑަލް މެޗުގައެވެ.

މިއަދުގެ މެޗުން މޮޅުވުމާއެކު ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ރާއްޖެ ވާދަކުރާނީ ބްރޯންޒް މެޑަލް މެޗުގައެވެ. މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗުގައިވެސް ދިވެހިރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މިއަދު މެންދުރު ފުރަތަމަ ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުން ނޭޕާލް ބަލިކުރީ 42-11 އިންނެވެ. އެއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން އަންހެން ހޭންޑްބޯޅަ ޓީމެއް ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެ މެޗަށްފަހު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލާ ދެކޮޅަށް ކުޅުނު ޖޫނިއާ ބައިގެ މެޗުން މޮޅުވީ 25-10 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޒުވާން ދެ ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރުއެވެ.