‎ގދ. ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން ސެނޮކް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހު 12 އިން 13 އަށެވެ.

‎އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ތިނަދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކުރީ 13 އޮކްޓޫބަރު 2019ގައެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 16.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

‎މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން މި މަސައްކަތުގެ އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 12 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮވިޑުގެ ބަލިމަޑުކަމާއި ތައްޔާރުކުރި ޑިޒައިންއަށް ގެންނަން ޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި ކުރިމަތިވި ހުރަސްތަކާއެކުވެސް، މަސައްކަތް މަޑުނުޖެހި އެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް ބުންޏެވެ.

‎މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫއުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ދިމާވަމުން އައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.