ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ގާއިމުކުރަން ނިންމާފައިވާ 30 އެދުގެ ހޮސްޕިޓަލު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.
ކުވައިތު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫތަކުގެ ބިޑް ކާމިޔާބުކުރި ކޮންޓްރެކްޓަރުންނާ މި ހަފުތާ ތެރޭ މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފުތާ ތެރޭގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތަށް ހެލްތް މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ބިޑް އުސޫލުން އެ މަޝްރޫއުތައް ކާމިޔާބުކުރި ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ހޮސްޕިޓަލްތައް ހަދަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ. މިގޮތުން ހަނިމާދޫ، މާމިގިލ،ީ ފެލިދޫ އަދި ވިލުފުށީގެ ހޮސްޕިޓަލްތައް ހެދުމަށް ހަވާލުކުރީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި މިލަންދޫ، ވެލިދޫ އަދި ތުލުސްދޫގެ ހޮސްޕިޓަލްތައް ހެދުމަށް ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.
- ހަނިމާދޫ ހޮސްޕިޓަލް 90,512,216.05ރ.
- މިލަންދޫ ހޮސްޕިޓަލް 95,627,718.15ރ.
- ވެލިދޫ ހޮސްޕިޓަލް 95,627,718.15ރ.
- ތުލުސްދޫ ހޮސްޕިޓަލް 91,767,709.06ރ.
- މާމިގިލި ހޮސްޕިޓަލް 101,227,176.03ރ.
- ފެލިދޫ ހޮސްޕިޓަލް 102,049,555.63ރ.
- ވިލުފުށި ހޮސްޕިޓަލް 109,277,431.15ރ.
މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނާއެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ މި ހަތް ހޮސްޕިޓަލް އިމާރާތް ކުރުމަށް ކުވައިތު ފަންޑުން 686,089,524.22 ރުފިޔާ ހަރަދުކުރާނެ ކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހޮސްޕިޓަލްތަކަކީ ކޮވިޑު ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް، ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭގޮތަށް ހަދާ ހޮސްޕިޓަލުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅުމުގެ އިތުރުން މި ރަށްތަކާއި ކައިރި ރައްރަށަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައި ކުރުމައްޓަކައި އެއިން ކޮންމެ ހޮސްޕިޓަލެއްގައި އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއު ނިންމުމަށް ސަރުކާރުން ދީފައިވަނީ ދޮޅު އަހަރު (540 ދުވަސް)ގެ މުއްދަތެކެވެ.
ޚަބަރު
ޚަބަރު