އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށް، އެގޮތަށް ހިތަށް އެރުވުމަކީވެސް ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމުގެ ތެރެއިން، އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަން ކަމަށްވާ "ފިކުރުގެ ދިރުން" ގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރެކެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަމަލުކުރެއްވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް ކަމަށް ބުނެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ލީޑަކުރައްވާ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އެކަމަށް އިންޒާރުދީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމުގެ މައްސަލައިގައި ރިފްއަތު ވަކާލާތުކުރެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން، ބައިނަލްއަގުވާމީ ހަމައިގެ މަތިން ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ކަމަށެވެ.
އިމުގެ މައްސަލައިގައި ރިފްއަތު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ރާވައިގެން ހިންގާ އެ ހަރަކާތުގައި އެމްޑީޕީގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ބުންނެފައިވެއެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ،" އެމްޑީޕީން ބުންޏެވެ.
އެކަމާ ގުޅިގެން އަލީ އާޒިމް މިއަދު ވިދާޅުވީ "ގާނޫނުއަސާސީން ލިބިދޭ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓުވުމުގެ ގޮތުން ޕާޓީން އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅަން ހިތަށް އެރުމަކީވެސް ކުށެއް," ކަމަށެވެ
ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަންޖެހޭ ކަމެއް ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ފެއިލްވުމުން، އެ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި، ބައިބައިކޮށް، އަމިއްލަ ސިޔާސީ މަންފާ ހޯދަން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ރިފްއަތު ކުރެއްވި މަސައްކަތާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, އެމްޑީޕީ ޕީޖީ ގްރޫޕު ތިބި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު