ހަލުވި ދުވެލީގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް އެއްގަމު އުޅަނދުތައް އިތުރުވަމުންދާ ހުޅުމާލޭގައި ޕާކު ކުރުން މިހާރު ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ގިނަފަހަރަށް މަގުގެ ދެފަރާތުގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުތަކުން ބޮޑުބައެއް ގެއްލި، މަގުތަކުގައި ދުއްވުމަށާއި އަދި ހިނގާ މީހުންނަށްވެސް ގިނަ ދަތިތަކަކާ ކުރިމަތިވެއެވެ. ނުވިތާކަށް ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކު ކުރުމަކީވެސް ދުވަހުގެ ބިޒީ ޝެޑިއުލުން އެތައް ވަގުތެއް ގެއްލި ދާންޖެހޭ ތަންތަނަށް ގަޑި ޖެހުމަށް ދިމާވާ ކަމެކެވެ. ޖާގައިގެ ދަތިކަމަށް ނުކަތާވަރަށް އެއްގަމު އުޅަނދުފަހަރު އިތުރުވި ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޕާކު ކުރުމުގެ ދަތިކަން ފަދަ ކަންކަން ކުޑަކުރެވިދާނެއެވެ.
ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ސްމާޓް ސިޓީއެއް ހޯދައިދިނުމުގެ އަޒުމުގައި އޮތް އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ވަނީ ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެގޮތުން އާބަންކޯ އިން މިހާރު ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ގާއިމުކޮށްފައެވެ. އެއީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނެވެ. ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައަޅާފައިވާ އެ ޒޯނުން ޕާކިން ޖާގަތައް ވަރަށް އަވަހަށް ކުއްޔަށް ދޫކުރަން ފަށާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބަހުއްޓެވެ. އެގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރު ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުޝިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް ބޭނުންކުރާނީ އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) އެވެ.
މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. އޭގެ އިތުރުން އެ ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރަމުންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް އާބަންކޯ އިން ވަނީ ތައްޔާރުކޮށްފައެވެ. އާބަންކޯ އިން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން ކުރު މުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެ ކަމަށެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭ އިރު، ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާއި ޕާކިން ޖާގަޔާ ހަމައަށް ނެވިގޭޓުކޮށްދިނުމާއި ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕްގެ ޒަރީއާއިން ފެންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން އިތުރަށް ބުނީ ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފުކޮށް ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށެވެ.