ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަލުން ނަން ބަދަލުކުރުމަށްފަހު، ކުރިން ބޭނުން ކުރަމުންދިޔަ އާބަންކޯގެ ނަން ދެން ބޭނުންކުރާނީ އެކުންފުނީގެ ދަށުން ހިންގާ "ސަބް ބްރޭޑިން" ނަމެއްގެ ގޮތުގައި ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުއްވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން އެޗްޑީސީ ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ"ގެ ބަދަލުގައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން ރަސްމީކޮށް ފެށިކަން އިއުލާނުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެޗްޑީސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ. އެ ކުންފުންޏަކީ އާބަން ޑިވެލޮޕްމެންޓުގެ ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި އެއް ކުންފުންޏެވެ. އެ ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުގައި ހުޅުމާލެ ފޭސް އެެކެއް، ފޭސް ދޭއް އަދި ފޭސް ތިނެއްގެ އިތުރުން ރަސްމާލެ އާއި ތިލަމާލެވެސް ހިމެނެއެވެ.

"ރީ ބްރޭންޑް ކުރުމަށްފަހު، އާބަން ޑިޒައިނިނަށް އަޅުގަނޑުމެން ބޭނުން ކުރާނީ އެއީ ސަބް ބްރޭންޑިންއެއްގެ ގޮތުގައި. އާބަންކޯ ވިޔަސް، ކުޑަގިރި ވިޔަސް، ސްމާޓް ސިޓީ ވިޔަސް، މައި ހުޅުމާލެ ވިޔަސް، މީގެ ކޮންމެ އެއްޗަކީ އެޗްޑީސީގެ ސަބް ބްރޭންޑްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ނިންމައިގެން މިދަނީ ކުރިއަށް،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، އެޗްޑީސީގެ މުވައްޒަފުންނަކީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެޗްޑީސީއަކީ އާންމު ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިންނާއި ބޭރުގެ އިންވެސްޓަރުންގެ މައި މަރުކަޒު ކަމަށެވެ.

އެޗްޑީސީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގައި އެ ކުންފުނިގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ގާނޫނީގޮތުން އެ ކުންފުނީގެ ދަށުން ހިންގާ މަސައްކަތްތައް ޒިންމާދާރުކަމާއެކު އަދާކުރުމަށް ފަޒުލް ނަސޭހަތްތެރިވިއެވެ.

އެޗްޑީސީގެ މުވައްޒަފުންގެ ހުރި ޝަކުވާތައް އަޑުއައްސަވައި އެކަމަށް އިޖާބަދެއްވާނެކަން ފާހަގަކުރައްވަމުން ފަޒުލް އިތުރަށް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ކުންފުނީގެ ރީ ސްޓަކްޗާގެ އޮނިގަނޑު އިފްތިތާހުކުރައްވާނެ ކަމަށެވެ. އެއަށްފަހު މިހާރު ކުރިއަށްގެންދާ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް އެ ކުންފުނީގެ މަސްއޫލިއްޔަތުގެ ދަށުގައި ހުރި މަސައްކަތްތައް، ބާރު ސްޕީޑުގައި ކުރިއަށްގެންދަން މަސައްކަތުގެ ރަސްމީ ވަގުތު މެންދުރުފަހު 3:30ގައި ނިމުނު ނަމަވެސް، ހަވީރު 4:00އާ ހަމައަށް މަސައްކަތްކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ފަޒުލް ވިދާޅުވީ ތަފާތު ސަރުކާރުތަކުން ރާއްޖެ ހިންގާ އުސޫލުން އެޗްޑީސީ ހިންގަން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށާއި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި ހުރިހާ މަސައްކަތްތައް، ކޮންމެ މުވައްޒަފެއްވެސް ކުރިއަށް ގެންދަންޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ މަތިން ކަމަށެވެ.