"އާބަންކޯ" ނަން ބޭނުންކުރުން ހުއްޓާލައި، އަލުން "އެޗްޑީސީ" ނަން ބޭނުންކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، އެ ކުންފުނީގެ ނަމުގެ ގޮތުގައި އާބަންކޯ ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް އެކަކުން ފެށިގެންނެވެ. އެ ކުންފުނި ރީބްރޭންޑް ކުރުމުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކަށް އާބަންކޯ ހެދުން ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ ކުންފުންޏަށް އާބަންކޯ ކިޔަމުން އައި ނަމަވެސް، ރަސްމީ ހުރިހާ ޑޮކިއުމަންޓުތަކެއްގައި އަދިވެސް ބޭނުން ކުރަނީ އެޗްޑީސީގެ ނަން ކަމަށާއި ގާނޫނީ ގޮތުން ނަން އިންނަނީ އެޗްޑީގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން އާންމުންނަށް އޮޅުންއަރާ ކަމަށާއި "އާބަންކޯ" ނަން ބޭނުންކުރުން ހުއްޓާލަން ނިންމީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޗްޑީގެ ނަމަށް އަލުން ކުންފުނި ރީބްރޭންޑޫ ކުރީ ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައި އެ ކުންފުނި އުފެއްދީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން ހުޅުމާލެ ޑިވޮލޮޕްމެންޓު ކޯޕަރޭޝަންގެ ނަމުގައި ހިންގުމަށްފަހު، ފަހުން ކުންފުނި ހިންގާފައިވަނީ ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން ނަމުގައެވެ.