Close
ދުނިޔެ

އަދުގެ ދުނިޔެ: އުރުދުޣާނަށްވެސް އެއްބުރުން މިކަން ނިންމާލެވުން ދުރު!

އިމާދު ލަތީފު

ތުރުކީވިލާތުގައި އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު މުޅިދުނިޔެ އަދިވެސް އިންތިޒާރުކުރަމުންދަނީ ނަތީޖާއަށެވެ. އަދިވެސް ފުރިހަމަ ނަތީޖާއެއް ނުލިބެއެވެ. މިހާތަނަށް ސާފުކުރެވުނު ނަތީޖާތައް ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ ފަންސާސް އިންސައްތަ ނުހޯއްދެވުނެވެ. މިހާތަނަށް ޖުމްލަ ވޯޓުގެ ނުވަދިހަނުވަ އިންސައްތަ ވަނީ ސާފުކުރެވިފައެވެ. އެއީ ރަސްމީ ނަތީޖާވެސްމެއެވެ. ކަށަވަރު ނަތީޖާވެސްމެއެވެ. އެއިން ދައްކާގޮތުން ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށް ލިބިވަޑައިގެންނެވީ 49.42 އިންސައްތަ ވޯޓެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވާ ކަމާލް ކޮލުޗްޑަރޯލޫއަށް 44.95 އިންސައްތައެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. މީގެ މާނަ ވަރަށް ސާފެވެ. އެއްވެސް ބޭފުޅަކު މޮޅެއް ނުވިއެވެ. ބައްޔެެއްވެސް ނުވިއެވެ.

އެއްވެސް ކެންޑިޑޭޓަކު މޮޅުނުވީމާ ދެން ބާއްވަންޖެހެނީ ވޯޓުގެ ދެވަނަ ބުރެކެވެ. އެބުރު އޮންނާނީ އަދި ދެހަފުތާ ފަހުން މިމަހު 28 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިދެބޭފުޅުންގެ އިތުރަށް އަދި އެހެން ކެންޑިޑޭޓަކުވެސް ވާދަކުރެއްވިއެވެ. އެއީ ސިނާން އޮގާނެވެ. އޭނާ ވަނީ 5.2 އިންސައްތަ ހޯއްދަވައިފައެވެ. ހަގީގަތުގައި ދެވަނަ ބުރަކަށް ދާންޖެހުމުގެ ސިއްރަކީ އޮގާނެވެ. ކުރިން ހީކުރެވިފައިވާ މިންވަރަށްވުރެ އޭނާގެ ވޯޓު ގިނަވީއެވެ. މާބޮޑަށްވެސް ގިނަވީއެވެ. އެހެންވީމާ އުރުދުޣާނަކަށްވެސް އަދި ކޮލުޗްޑަރޯލޫއަކަށްވެސް ފަންސާސް އިންސައްތައިގެ ރޮނގު ހުރަސްކުރެވޭގޮތް ނުވީއެވެ. މިހާރު މިފެންނަގޮތުން ދެވަނަ ބުރެއްގައި ތިލަފަތް ބަރުވުންގާތީ އޮގާން ޚިޔާރުކުރައްވާ ފަޅިއެކެވެ. އެފަޅިއަކަށްވާނީ ބައެއް މީހުންގެ ނަޒަރުގައި ކޮލުޗްޑަރޯލޫގެ ފަޅިއެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން އަދިވެސް ކުޑަކުޑަ މިންވަރެއްގެ ނަތީޖާއަށް އިންތިޒާރުކުރަން އެބަޖެހެއެވެ. އެނަތީޖާތައް ސާފުވެގެން އަންނައިރު އިތުރު ބުރަކަށް ދާންނުޖެހުމަކީވެސް ވެދާނޭ ގޮތެކެވެ. ބާކީ މިންވަރުން ފަންސާސް އިންސައްތަ ހަމަކުރެވެންއޮތީ ހަމައެކަނި އުރުދުޣާނަށެވެ. އެކަމަކު ދެބޭފުޅުން އަދިވެސް ވިދާޅުވަމުން ގެންދަވަނީ އެއްބުރުން މިކަން ނިންމަވާނޭ ވާހަކައެވެ. ކޮލުޗްޑަރޯލޫގެ ސަޕޯޓަރުންގެ ބޯޑުތަކުން ފެންނަނީ އެއްވަނައިގައި އޭނާ އުޅުއްވާ މަންޒަރެވެ. އެކަމަކު ދެވަނަ ބުރަކަށްދާން ޖެހިއްޖެނަމަ އެކަން ގަބޫލު ކުރައްވާނޭ ކަމަށް ދެބޭފުޅުންވެސް މިއަދު ވިދާޅުވެފައިވެއެވެ. ނަތީޖާއަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރައްވާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަތީޖާ މުޅިން ސާފުނުވެ ލަސްވުމުގެ ސަބަބަކީ ވޯޓުދިން މީހުންގެ އަދަދު ގިނަވުމާއި ޚާއްސަކޮށް ގައުމުން ބޭރުގައި ދީފައިވާ ވޯޓު ގިނަވުމެވެ. ކޮންމެއަކަސް މިގޮތަށް ލަސްވާ ލަސްވުމަކީ ވަރަށް ގިނަބައެއްގެ ކަންބޮޑުވުމެކެވެ. ކޮންމެވެސް ގޮތަކުން އިލެކްޝަން ކޮމިޝަނަށް ނުފޫޒުތަކެއް ފޯރައިގެން އުޅެނީކަމަށް ހީކުރާބަޔަކުވެސް އެބަތިއްބެވެ. އެގޮތަށް ހީކުރާ މީހުން ގިނައީ އިދިކޮޅު ކޭމްޕުގައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރެއް ބާއްވަންޖެހޭނެކަން ގާތްގަޑަކަށް މުޅިން ކަށަވަރުވެފައިވާއިރު ޕާލަމެންޓަރީ އިލެކްޝަން ކުރިއަށްދިޔަ ގޮތަށްވެސް ބަލައިލަން އެބަޖެހެއެވެ. އިއްޔެ ތުރުކީގެ ރައްޔިތުން ވޯޓުދީފައިވަނީ ހަމައެކަނި ރައީސަކު ހޮވާކަށް ނޫނެވެ. ޕާލަމެންޓަށް މެންބަރުން ހޮވުމުގެ ވޯޓުވެސް ވަނީ ދީފައެވެ. އެކަމަކު ގިނަބަޔަކު ބޮޑަށް ޝައިގުވެރިވަނީ ރިޔާސީ ބައިގެ ނަތީޖާއަށެވެ.

ރިޔާސީ އިންތިޚާބު ފަދައިން ޕާލަމެންޓަރީ އިންތިޚާބުގެ ބައިންވެސް މިހާތަނަށް ނަތީޖާ ސާފުވެފައިވަނީ ޖުމްލަ ވޯޓުގެ ގާތްގަޑަކަށް ނުވަދިހަނުވަ އިންސައްތައެވެ. އޭގެތެރެއިން ރައީސް އުރުދުޣާންގެ ކޯލިޝަނަށް ލިބިފައިވާ ކަމަށް ދައްކަނީ 49.38 އިންސައްތައެވެ. އިދިކޮޅު ކޯލިޝަން އުޅެނީ އެއަށްވުރެ މާފަހަތުގައެވެ. ލިބުނުކަމަށް ދައްކަނީ 35.16 އިންސައްތަައެވެ. އެކަމަކު ކުރުދީ ބައެއް ޕާޓީތަކާއި ސޯޝަލިސްޓް ފިކުރުގެ ޕާޓީތައް މިގިންތިއަށް ވެއްދީމާ އިތުރު ދިހަ އިންސައްތަ އިދިކޮޅު ކޭމްޕަށް ލިބުން އެކަށީގެންވެއެވެ. މިނަތީޖާތަކަކީ ރައީސް އުރުދުޣާންގެ އޭކޭޕީގެ ބާރު ޕާލަމެންޓުގައި ކުޑަވެގެންދާނޭ ނަތީޖާތަކެކެވެ. ހަމައެޔާއެކު ކަމާލް ކޮލުޗްޑަރޯލޫގެ ކޯލިޝަނަށްވެސް މިއީ ފަހި ނަތީޖާތަކެއް ނޫނެވެ. އެއީ ހަ ޕާޓީގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނެކެވެ.

މިނަތީޖާތައް ދައްކާގޮތުން ޕާލަމެންޓުގައި އުރުދުޣާންގެ ވެރިކަންކުރާ ކޯލިޝަނާއި ކޮލުޗްޑަރޯލޫގެ އިދިކޮޅު އިއްތިހާދުގެ ހިއްސާވެސް ދާނީ ކުޑަވެގެންނެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނުއަސާސީއަށް ބަދަލުގެނެސް ޕާލަމެންޓަރީ ނިޒާމަށް ބާރުދޭނޭކަމަށް ކޮލުޗްޑަރޯލޫ ގެންދަވަނީ ވިދާޅުވަމުންނެވެ. އުރުދުޣާން ތައާރަފުކުރެއްވި ރިޔާސީ ނިޒާމުގެ ބާރު ކުޑަކުރާނޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެކަންކުރެވޭނީ ޕާލަމެންޓްގެ ފުރިހަމަ ކޮންޓްރޯލް އޮވެގެންނެވެ. މިހާރު ފެންނަގޮތުން އެބާރެއް ނުލިބެއެވެ. ލިބެން ގާތެއްވެސް ނުވެއެވެ. އުރުދުޣާން މީގެކުރިން ކުރެއްވި ކަމެއް ކުރެއްވީ ޕާލަމެންޓުގެ ފުރިހަމަ ކޮންޓްރޯލް ލިބިވަޑައިގެންހުންނަވައެވެ. އެކަންކަން ބަދަލުކުރަންޏާ ހަމައެބާރު ކޮލުޗްޑަރޯލޫއަށްވެސް ލިބެންޖެހެއެވެ.