Close
ދުނިޔެ

އީރާނުގެ ކަނޑުގެ ސިފައިންގެ ފްލީޓެއް ފުރަތަމަ ފަހަރަށް ދުނިޔެ ވަށައިގެން ބުރެއް ފުރިހަމަކޮށްފި

އީރާނުގެ ކަނޑުގެ ސިފައިންގެ އަރުމާދެއް ފުރަތަމަ ފަހަރަށް ދުނިޔޭގެ ވަށައިގެން ދަތުރެއް ފުރިހަމަކޮށްފިއެވެ. މި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޝާހުރާމް އީރާނީ ވިދާޅުވީ މިއީ އިސްލާމީ ގައުމަކުންވެސް ދުނިޔޭގެ ވަށައިގެން ބުރެއްޖެހި ފުރަތަމަ ފަހަރު ކަމުގައެވެ.

ދުނިޔޭގެ ވަށައިގެން ބުރެއް ފުރިހަމަކުރީ އީރާނުގެ ކަނޑުގެ ސިފައިންގެ 86 ވަނަ ފްލީޓުގެ މަނަވަރުތަކެވެ. މި އަރުމާދުގައި ހިމެނުނު އުޅަނދުތަކުގެ ތެރޭގައި އީރާނުގެ އެންމެ ޒަމާނީ އެއްމަނަވަރުކަމަށްވާ ދިނާ ހިމެނެއެވެ. މި އަރުމާދުގެ ދަތުރަށް ދީފައިވާ ނަމަކީ 360 ޑިގްރީއެވެ. ދަތުރުފެށީ ހުސްވި އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އީރާނުގެ ބަންދަރު އައްބާސްއިންނެވެ. ގާތްގަޑަކަށް 213 ދުވަހަށްފަހު ބުރު ފުރިހަމަކޮށްފައި އަދަނުގެ ގަލްފަށް ފޯރީ ހުސްވި ހަފުތާގެ ތެރޭގައެވެ. މި ދަތުރުގައި މި އަރުމާދު އިންޑިޔާ އާއި އިންޑޮނީޝިޔާ އަދި ބްރެޒިލްގައި މަޑުކޮށް އަސްކަރީ ފަރިތަކުރުންތަކެއްގައިވެސް ބައިވެރިވެފައިވެއެވެ.

އެޑްމިރަލް ޝާހުރާމް ވިދާޅުވީ މި ބުރު ފުރިހަމަކުރެވުނީ ދުނިޔޭގެ އެންމެ ބޮޑު ތިންކަނޑެއް ހުރަސްކޮށްފައިކަމަށާއި މީގެ ތެރެއިން ޕެސިފިކް ކަނޑަކީ އީރާނުގެ މަނަވަރެއް މީގެކުރިން ދުވަހަކުވެސް ވަދެފައިވާ ކަނޑެއް ނޫންކަމުގައެވެ. ޕެސިފިކް ކަނޑުން 15 ހާސް ކިލޯމީޓަރު ހުރަސްކުރަންޖެހުނުއިރު ވަރުގަދަ ތިން ތޫފާނަކާވެސް ކުރިމަތިލާންޖެހުނު ކަމަށާއި އެއްވެސް އުޅަނދަކަށް އަދި މީހަކަށް ގެއްލުމެއްނުވެ ތޫފާންތައް ގިރާކުރެވުނުކަމީ މިފަދަ ކަންކަމަށް އީރާނުގެ ކަނޑުގެ ލަޝްކަރުގެ ގާބިލްކަން ހާމަވެގެންދާ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ކޮމާންޑަރު ވިދާޅުވީ އެގައުމުގެ ސިފައިންގެ އަރުމާދު ދުނިޔެވަށައި ބުރެއްޖެހީ އެމެރިކާއަކަށް އަދި އެހެންބަޔަކަށްވެސް ކަންދައްކަން ނޫންކަމަށާއި މިއީ ސުލްހަޔާއި އަމާންކަމުގެ މެސެޖާއިގެން ކުރި ދަތުރެއް ކަމުގައެވެ. ދުނިޔޭގެ ހުރިހާކަމެއްގެ މައްޗަށް ވެރިވެގެންތިބެ ހުރިހާ ކަމެއް ކުރަންވާނީ ވަކިބަޔަކު ކަމަށް ހީކުރުން މިހާރު ދޫކޮށްލަންޖެހިފައިވާ ކަމަށާއި ކޮންމެ ސަރަހައްދެއްގައިވެސް އަމާންކަން ގާއިމްކުރަންވާނީ އެސަރަހައްދެއްގައި ހިމެނޭ ގައުމުތަކުންކަމަށް ވެސް އެޑްމިރަލް ޝާހުރާމް ވިދާޅުވިއެވެ. އަދި ގަލްފުކަނޑުގައި އެ އަމާންކަން ގާއިމުކުރުމުގެ ކެރިކުޅަދާނަކަން އީރާނަށް ލިބިގެންވާކަމަށްވެސް ވިދާޅުވިއެވެ.