އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މައްސަލައިގައި ހައްޔަރުކުރީ މާލެ، ހ. ފައިމާވިލާ، ހުސެއިން އަކްރަމް (42އ) އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ހުސެއިން އަކްރަމްގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރަން ނިންމީ، ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް ކުރިކަމުގެ މިންވަރަށް ހެކި ލިބިފައިވާތީއެވެ. އެގޮތުން ފުލުހުން ހުށަހެޅި ބަޔާނުގައި ހުސެއިން އަކްރަމްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓުތަކެއް ފެނިފައިވާކަަމަށް ބަޔާންކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން އޭނާ ބަންދުކުރަން ނިންމީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

"ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި މީނާ އަތުން ފެނިފައިވުމާއި، ފެނިފައިވަނީ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ކަމަށް ބެލެވޭތީއާއި، އިންޓެލިޖެންސް ރިޕޯޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މީނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ބެލެވޭތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނެއެވެ..،" ކޯޓު އަމުރުގައި ބުންޏެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިދިޔަ ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އެ އޮފިސަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ އޮފިސަރު ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވިދާޅުވިއެވެ.

ޖަލަށް ފޯނާއި ޑްރަގް އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ބައިވެރިވުން އޮންނަ ކަމަށް އަބަދުވެސް ތުހުމަތުކުރެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަންސްގެ އޮފިސަރަކުވެސް ހައްޔަރުކުރިއެވެ.