މަޝަހޫރު ވައިބަރ އެޕްލިކޭޝަންގައި ފޮނުވާ މެސެޖަށް ބަދަލު ގެނެވޭތާ މިހާރު ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް މިކަން ކުރަން ވަޓްސްއެޕް އިން ދިޔައީ ދެކޮޅު ހަދަމުންނެވެ. ވަޓްސްއެޕުން ފޮނުވާ މެސެޖްތައް އެޑިޓް ކުރެވޭ ގޮތަށް ބަދަލު މި ގެނައީ ދިގު އިންތިޒާރަކަށް ފަހުގައެވެ. އެގޮތުން އެންޑްރޮއިޑަށް ވަޓްސްއެޕްގެ އާ ބީޓާ ވާޝަނެއް ނެރެފައިވާ އިރު ފޮނުވާ މެސެޖްތަކަށް ބަދަލު ގެނެވޭނެއެވެ. ވަޓްސްއެޕްގެ މި ވާޝަން 2.23.10.13 އަކީ އަދި ރަސްމީކޮށް ދޫކޮށްފައިވާ ވާޝަންއެއް ނޫނެވެ.
ދެން ނެރޭ ވަޓްސްއެޕްގެ ރަސްމީ އެންމެ ފަހުގެ އަޕްޑޭޓްގައި މި އާ ފީޗާތަކާއި އިތުރު ކުރިއެރުންތަކެއް ހިމެނޭ އިރު މީގެން އެންމެ ފާހަގަ ކުރެވޭ ކަމަކީވެސް މެސެޖް އެޑިޓް ކުރުމެވެ. އިންޑިއާ ފަދަ ގައުމުތަކުގައި އެންމެ ގިނަ މީހުން ބޭނުން ކުރާ ވަޓްސްއެޕް އަށް މި ބަދަލު ގެންނަން މި ނިންމީ ދިގު އިންތިޒާރަކަށް ފަހުގައެވެ. މި އަޕްޑޭޓް ނެރުމުން ބޭނުން ކުރެވޭ މި އާ ފީޗާގެ ސަބަބުން ކުރިން ފޮނުވާފައިވާ މެސެޖުތައް އެޑިޓް ކުރެވޭނެ އެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ މެސެޖް ލިޔާއިރު ހެދޭ ގޯސްތައް އަދި ލިޔުމުގައި ހިމެނޭ ކުށްތައް ދެނެގަނެ ފޮނުވާފައިވާ މެސެޖް އިސްލާހުކުރުމުގެ ފުރުސަތު ލިބި ސާފު ނުވާ ގޮތަށް ލިޔެވޭ މެސެޖުތައް ސާފުވާނެހެން އަލުން ލިޔުމުގެ ގާބިލުކަން ދިނުމެވެ. މީ ބޮޑު ބަދަލެއް ހިމެނޭ ފީޗާއަކަށް ވާތީ ވަޓްސްއެޕް ބޭނުންކުރާ ގިނަ ފަރާތްތަކުން ވަރަށް ބޮޑަށް މި ބަދަލު ބަލައިގަންނާނެ ކަމަށް ވަނީ ބެލެވިފައެވެ،
ޑަބްލިޔުއޭބީޓާއިންފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފީޗާ މަސައްކަތް ކުރަނީ ފޮނުވާ މެސެޖެއްގައި އިނގިލިން ހިފަހައްޓައިލުމުން މެނޫއިން "އެޑިޓް" އޮޕްޝަން ނަގައިގެންނެވެ. އެއަށްފަހު ފޮނުވާފައިވާ މެސެޖަށް ބަދަލު ގެނެވޭނެ ކަމަށާއި، އެޑިޓްކޮށްފައިވާ ވާޝަން އަސްލު މެސެޖު ލިބޭ ހުރިހާ ފަރާތްތަކަށް ފެންނާނެ ކަމަށް ދައްކައެވެ. ނަމަވެސް މި ފީޗާ މަސައްކަތް ކުރާ ގޮތް ވައިބަރ އާއި ތަފާތު ވާނެ ކަމަށާއި އެގޮތުން ވަޓްސްއެޕްގައި ފޮނުވާ އާ މެސެޖެއް، އެ މެސެޖެއް ފޮނުވިތާ 15 މިނެޓުގެ ތެރޭގައި ގޯހެއް ހުރިނަމަ ބަދަލު ކުރަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ވެސް ވަނީ ހަދާފައެވެ.
އެއްވެސް މެސެޖެއް އެޑިޓް ކުރުމުން މެސެޖުގައި "އެޑިޓް ކޮށްފައިވާ" ލޭބަލެއް ފެނިގެންދާއިރު، އެ މެސެޖަކީ އަސްލު ފޮނުވި މެސެޖަށް ބަދަލު ގެނެސްފައިވާ މެސެޖެއް ކަން އަންގާނެ އެވެ. ވަޓްސްއެޕް ބީޓާ ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޔޫޒަރުންނަށް މިވަގުތު މި ފީޗާ ޓެސްޓް ކުރެވޭނެއެވެ. އެހެން ނަމަވެސް މިއީ ވަކި އަދަދެއްގެ ޔޫޒަރުންނަށް ދޫކޮށްފައިވާ ޓެސްޓް ވަޓްސްއެޕްއެއް ކަމުން މާ ލަސްތަކެއް ނުވެ މި ފީޗާ ވަޓްސްއެޕް ބޭނުން ކުރާ އާންމުންނަށް ދޫކުރާނެއެވެ.
މި ބަދަލަކީ ގިނަ ބަޔަކު މަރުހަބާ ކިޔާނެ ކަމެއް ކަމަށް މިހާރުވެސް ބެލެވިފައިވާތީ މި ކަން އާންމުންނަށް ދޫކުރުމަށް މާގިނަ ދުވަހެއް ދެން ނުނަގާނެއެވެ.