މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް މިއަދު ތައާރަފުކޮށްފި އެވެ.
އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެއް އެކެވެ.
އުރީދޫން ބުނި ގޮތުގައި ހެޔޮއަގުގައި ލިބެން ހުންނާނެ މި ކެޕްސޫލް މޫލީ މެދުވެރިކޮށް ލިބޭއިރު، ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި، ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެ އެވެ.
އަލަށް ތައާރަފުކުރި މި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ކޮންމެތާކު އަދި ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދުން ބުނެއެވެ. ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމާ ބޭސްއަކާއި ޑެލިވަރީގެ ހިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދޭ ކަމަށް އުރީދޫން ބުނެއެވެ.
ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ތައާރަފުކުރިއިރު، މި ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ.
މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ތައާރަފުކުރަމުން ދާނެއެވެ.
މި ހުރިހާ ކެޕްސޫލެއްވެސް ފަރުމާކުރެވިފައިވަނީ ނެސްޕްރެސޯ ކޮފީ މެޝިންތަކުގައި ބޭނުންކުރާ ކެޕްސޫލާއެއް ފަރުމާއެއްގަ އެވެ. އެހެންކަމުން، ނެސްޕްރެސޯ މެޝިނުގައި ނުވަތަ ނެސްޕްރެސޯ ކެޕްސޫލް ލެއްވޭ ކޮފީ މެޝިންތަކުގައި މެރާކީގެ ކެޕްސޫލްތައް ބޭނުންކުރެވޭނެ އެވެ. ނަމަވެސް، މެރާކީގެ ސްޕެޝަލިޓީ ކޮފީ ކެޕްސޫލެއްގެ ފުރިހަމަ ރަހަތައް އިންސާފުކުރުމަށް އެންމެ ރަނގަޅު މެޝިނަކީ "މޯނިން" ކޮފީ މެޝިނެވެ. މޯނިން ކޮފީ މެޝިނަކީ ކެޕްސޫލް ފޯމެޓް ސްޕެޝަލިޓީ ކޮފީއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޝިނެއް ކަމުން، އޭގައި ހިމެނޭ ކެލިބްރޭޝަން ފީޗާސް، އިން-ބިލްޓް ސްކޭލް އަދި އެހެނިހެން އެޕް ކޮންޓްރޯލްތަކާއެކު، ކެޕްސޫލްގައި ހުރި ހުރިހާ މީރު ރަހަތައް، އެއްވެސް އުނިކަމެއް ނެތި، ބަލައިލެވޭނެ އެވެ. މެރާކީ އަކީ މޯނިން ކޮފީ މެޝިނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ، މި ކޮފީ މެޝިންވެސް މޫލީ މެދުވެރިކޮށް ގަތުމުން ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީކޮށްދޭނެއެވެ. މޫލީ މެދުވެރިކޮށް "މޯނިންގް" ކޮފީ މެޝިން ބައްލަވައިގަތުމަށް https://www.moolee.mv/the_morning_machine ޒިޔާރާތްކޮށްލާށެވެ.
މި ކެޕްސޫލްތަކާ އެކު މެރާކީއިން އާ ކޮފީ ފޯމެޓެއް ތައާރަފުކުރި ނަމަވެސް، މިއީ، ދުނިޔޭގައި ފާހަގަކޮށްލެވޭ ކޮފީތައް ރޯސްޓްކުރާ ރޯސްޓަރެއްގެ ގޮތުގައި، މެރާކީއިން ގެންގުޅޭ މިންގަނޑުތަކާ ދުރުވާ ދުރުވުމެއް ނޫންކަމަށް އުރީދޫން ބުނެއެވެ. ކެޕްސޫލްވެސް ހިމެނޭ ގޮތަށް، މެރާކީއިން ރޯސްޓްކޮށް، ބާޒާރަށް ނެރޭ ހުރިހާ ކޮފީއަކީވެސް ކޮފީގެ އަސްލު އެނގުމާއެކު، އުފެއްދުމުގެ ހުރިހާ ހިސާބެއްގައިވެސް މަސައްކަތްތެރިންނަށް ހަމަ އަގު ލިއްބައިދޭ، ދެމެހެއްޓެނިވި ޕްރެކްޓިސްތަކެއްގެ މަތިން އުފައްދާ، ރޯސްޓްކުރެވޭ ކޮފީތަކެކެވެ.