ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ނޮމިނަލް ޖީޑީޕީ މި އަހަރު 100 ބިލިއަން ހުރަސް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމަ އާއި ކޮވިޑާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލުން ލަސްވުމުގެ ސަބަބުން އިގުތިސޯދީ ގޮތުން ރާއްޖެއަށް ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އިގުތިސޯދުގައި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދަން، ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން ފެންނަ ހެޔޮ ބަދަލުތަކެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅުވެގެން ދިއުމާއި ގުޅުންހުރި އެހެން ދާއިރާތަކުން އިގުތިސޯދީ ގޮތުން ކުރިއެރުން ހޯދަމުން ދާތީ 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިން ލަފާކުރި 7.6 ޕަސެންޓަށް ވުރެ މިހާރު ލަފާ ކުރާ މިންވަރު 9.4 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއަރާ މިންވަރު ކުރިއަށް ވުރެ މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތައް ފާހަގަ ކުރައްވައެވެ. އެގޮތުން 2021 ވަނަ އަހަރާ އަޅައި ބަލާއިރު 2022 ގައި ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު 26.7 ޕަސެންޓް އިތުރުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު 17.5 ޕަސެންޓް އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ސަރުކާރުން މީގެ ކުރިން ލަފާކޮށްފައިވަނީ މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ. ނަމަވެސް އަންނަމުންދާ ބަދަލާއެކު ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީ، މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ހަމަވާނެ ކަމަށް މިނިސްޓަރު ވަނީ ލަފާކޮށްފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިރުވުމުގެ ސަބަބުތަކުގެ ތެރޭގައި، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަަދަދު އިތުރުވަމުންދިއުމާއި ކުރިން ހީކުރެވުނު ވަރަށް ވުރެ ބޮޑަށް ޗައިނާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު އެގޮތަށް ވިދާޅުވެފައިވާ އިރު، މިދިޔަ އަހަރު ޖޫން މަހުރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަނުން މައްޗަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖީޑީޕީ އިތުރުވާ މިންވަރު ހުރީ 13 ޕަސެންޓްގައި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު