ޕާކިސްތާނުގެ އަސްކަރިއްޔާއިން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިދިޔަ އަންގާރަދުވަހުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އުފުލިފައިވާ ކޮރަޕްޝަނުގެ ދައުވާއަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ވެރިރަށް އިސްލާމްއާބާދުގެ ހައިކޯޓަށް ހާޒިރުވެވަޑައިގެން ހުންނަވަނިކޮށެވެ. އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މުޅި ޕާކިސްތާނަށް ބިރުވެރިކަމާއި ނުތަނަވަސްކަންވަނީ ފެތުރިފައެވެ. ދެންވާނެގޮތެެއް ނޭނގޭތީއެވެ. އިމްރާނަކީ ޕާކިސްތާނުގެ އެންމެގިނަ ބަޔަކު ތާއީދުކުރާ އެންމެ މަގްބޫލު ސިޔާސީ ލީޑަރެވެ. އޭނާއަށް ތާއީދުކުރާ އެތައްލައްކަ ބަޔަކު ވަނީ ހުރިހައި ސަހަރެއްގެ މަގުތަކަށް ނުކުމެ ހަޅުތާލުކުރަން ފަށައިފައެވެ. މި ހަޅުތާލުތަކުގައި މީގެކުރިން ނުފެންނަ މަންޒަރުތައްވެސް ވަނީ ފެނިފައެވެ.

ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ ހެޑްކުއާޓަރަށްވެސް އިމްރާންގެ ސަޕޯޓަރުން ވަނީ ވަދެގެންފައެވެ. އަދި ލާހޯރުގައި ހުންނަ އަސްކަރީ ކޮމާންޑަރެއްގެ ގެޔަށްވެސް ވަނީ ވަދެގެންފައެވެ. ޕާކިސްތާނުގައި ސިޔާސީ ގަޑުބަޑުތަކެއް މިފެށުނީ އިގްތިސާދީ ތަދުމަޑުކަމެއްގެ ވޭންތައް ރައްޔިތުން ނުހަނު ބޮޑަށް ތަހައްމަލް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިހާރުގެ ސަރުކާރާމެދު ރައްޔިތުންގެ ނުރުހުން ވަރަށްވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ކާބޯތަކެއްޗާއި އަސާސީ އެނޫންވެސް ތަކެތީގެ އަގުވަނީ އަތްނުފޯރާ ހިސާބަށް އުފުލިފައެވެ. އެތައް މިލިޔަން ބަޔަކު އެތިބީ ބަނޑަށްޖެހުމާ ނުހަނު ގާތުގައެވެ. ގައުމުގެ ފޮރިން ރިޒާރވް ވަނީ ހުސްވުމަކާ ގާތްވެފައެވެ. ބޭރުގެ ދަރަނި ދެއްކޭނެގޮތް ހަނިވުމުގެ ސަބަބުން ޑިފޯލްޓަކަށް ދާންޖެހުމުގެ ބިރުވެސް ނުހަނު ބޮޑެވެ.

ޕާކިސްތާނުގެ ސިފައިން ނުކުމެ ކުރީގެ ބޮޑުވަޒީރަކު ނޫނީ މަގާމުގައި ހުންނެވި ބޮޑުވަޒީރަކު ހައްޔަރު ކުރުމަކީ އައުކަމެއް ނޫނެވެ. ރައްޔިތުންގެ ތާއީދު ބޮޑު ލީޑަރުން ޖަލަށްލުމަކީވެސް އައުކަމެއް ނޫނެވެ. އައުވެގެން އުޅެނީ މިފަހަރު މިކަންކުރިގޮތާއި ގައުމުއޮތް ހާލަތެވެ. އިމްރާން ޚާން ހައްޔަރުކުރީ ކޯޓަކުން އެކަމަށް އަމުރުކޮށްގެނެއް ނޫނެވެ. ޖިނާއީ މައްސަލަތަކުގައި މީހުން ހައްޔަރުކުރުމުގެ ބާރު ގާނޫނީގޮތުން ލިބިދީފައިވާ ފުލުހުންނެއްވެސް ނޫނެވެ. އިސްލާމްއާބާދުގެ ހައިކޯޓަށް ހާޒިރުވެވަޑައިގެން އިންނަވަނިކޮށް ދޮރުތައް ވައްޓާލައިގެން ހަތިޔާރާއެކު ސިފައިން އެތަނުގެ ތެރެއަށް ވަދެގެން ހިންގި ކަމެކެވެ. މިއީ އިމްރާން ޚާނާއި ސިފައިންނާ ދެމެދު އުފެދިގެން ހޫނުވަމުން ސީރިއަސްވަމުންއައި ދެކޮޅުވެރިކަމެއްގެ ނަތީޖާއެވެ. މިކަމެއް ފެށިގެން ފުޅާވަމުން އެނބުރެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

އިމްރާން ޚާން އެންމެ ފުރަތަމަ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ސިފައިންގެ ތާއީދާއި އެހީތެރިކަމުގައެވެ. ގުޅުން ގޯސްވީ އިމްރާނުގެ ބޮޑުވަޒީރުކަމުގެ ދައުރުގައެވެ. އިމްރާނަށް ވެރިކަން ގެއްލުނީ ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ޕާލަމެންޓުން އޭނާގެ އިތުބާރުނެތްކަމަށް ނިންމުމުންނެވެ. ޕާލަމެންޓުގެ އެ ނިންމުންއައީ ސިފައިންގެ ތާއީދު އިމްރާނުގެ ސަރުކާރަށް ނެތްކަމުގެ ސާފު ސިގްނަލް ލިބުމުންނެވެ. ސިފައިން އެކަމަށް ހިތްވަރުވެސް ދިނުމުންނެވެ. ޕާކިސްތާނުގައި މިހާރު އެއޮތީ ވަގުތީ ސަރުކާރެކެވެ. އައު އިންތިޚާބު އޮތީ ބޯމަތިވެފައެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ އިމްރާން ޚާންގެ ތަހުރީކީ އިންސާފު ޕާޓީ އަލުން މަތިފަޑިއަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެއީ ސިފައިން ބޭނުންވާ ކަމެއް ނޫނެވެ.

އިމްރާނާއެކު އަލުން މަސައްކަތް ނުކުރެވޭނޭ ކަމަށް ސާފު ބަހުން ސިފައިން ވަނީ ބުނެފައެވެ. އަދި އިމްރާންވެސް ގެންދެވީ ސިފައިންގެ އެކި ކަންކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ސީނިއަރ ޖެނެރަލުންނަށް ސީދާގޮތެއްގައި ފާޑުވިދާޅުވެ އިންޒާރުވެސް ދެއްވަމުންނެވެ. އިމްރާނުގެ ވެރިކަން ވައްޓައިލެވުނީމާ އޭނާގެ މަގްބޫލުކަންދާނީ ދަށްވަމުންކަމަށް ސިފައިން ހީކުރުން އެކަށީގެންވެއެވެ. އެކަމަކު ފެންނަ މަންޒަރުތަކުން ޔަގީންވަނީ އަދި އެހެންކަމެކެވެ. މަގްބޫލުކަން ދަނީ އިތުރުވަމުންނެވެ. އިމްރާން ޚާން ގޮވައިލައްވާ ކޮންމެ ފަހަރަކު އެތައް މިލިޔަން ބަޔަކު ނުކުމެ މަގުތައް ފުރާލައެވެ. ހަމައެކަނި ވެރިރަށް އިސްލާމްއާބާދެއް ނޫނެވެ. ކަރާޗީއާއި ލާހޯރުގައެވެ. ޕިޝާވަރާއި ރާވަލްޕިންޑީގައެވެ. އެންމެފަހުން ބޭއްވުނު ހުރިހާ ބައިއިލެކްޝަނެއްވެސް ދާދިފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ އިމްރާނުގެ ޕާޓީންނެވެ.

ދެން ބާއްވާ އާއްމު އިންތިޚާބެއްގައި ސިފައިންގެ ތާއީދު ނެތަސް އިމްރާން ކުރިހޯއްދަވާނޭކަން ކަށަވަރެވެ. މިއީ ސިފައިން ނުހަނު ބޮޑަށް ނުތަނަވަސްވެފައިވާ ކަމެކެވެ. އިމްރާނުގެ ގާފިލާ ކޮންމެވެސް އެއްގޮތަކުން ހުއްޓުވައިލަން މަޖުބޫރެވެ. އެހެންވީމާ ފުލުހުންނާވެސް ނުބައްސައި، ކޯޓުތަކާވެސް ނުބައްސައި އަމިއްލަޔަށް ނުކުމެ އިމްރާން ހައްޔަރުކުރީއެވެ. ކޮރަޕްޝަނުގެ ދައުވާއޭ، ފިލުމުގެ ބިރޭ، ބިރުދައްކަނީއޭ، ޓެރަރިޒަމޭ ބުނެފައެވެ. ދެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުނުދީ ހިފަހައްޓައިލުމަށް އުންމީދުކޮށްގެންނެވެ. ނުވަތަ މަގުން އެކަހެރިކުރުމަށް އެހެން ކޮންމެވެސް ގޮތެއް ރާވައިގެންނެވެ. ކަންކަން ބަދަލުވަމުންދާގޮތް އެނގޭނީ ކުރިއަށްެއޮތް ދުވަސްތަކުގައެވެ. އިމްރާނުގެ ސަޕޯޓަރުން އެތިބީ ފަހަތަށްޖެހޭ ގޮތަކަށް ނޫނެވެ. ސިފައިންވެސް ހަމައެހެންނެވެ.