ނެޕީއެއް ޖަހައިގެން އޭގެ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ ޖަހައިގެން ހުރި ނެޕީ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަޅާފައިވާ 33 ކެޕްސޫލް ފެނުނު ކަމަށެވެ.

އެ މަސްތުވާތަކެތީގެ ބަރުދަނުގައި 325.5 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގަކީ 40 ލައްކަ އިންޑިއަން ރުފީސް (747,901ރ.) އަށް އަރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގެ އިތުރު ތަހުގީގަށް އޭނާ ހުރީ އެންސީބީއާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އަދި ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިސަރު ސަފާތު ޒާހިރު "ވަން" އަށް ގުޅުމުން ވިދާޅުވީ، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ.