ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް ބަދަލުތައް ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވޯލްޑް ހެލްތު ޑޭ ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި ސިއްހީ ދާއިރާއަށް ވަންނަ މީހުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. މުސާރަ ބޮޑުކުރުމުގެ ސަބަބުން ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެހެންކަމުން އެ އަމާޒަށް ވާސިލުވުމަށްޓަކައި އަދިވެސް މި ގެނެވުނު ބަދަލުތަކަށް އެ އޮނިގަނޑަށް، ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ހައްލެއް ހޯދުމަށް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންވެސް ތިޔަބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ފުޅާނުވާ ވަރަށް އެ މަނިކުފާނުގެ ސަރުކާރުން ފުޅާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން މާލެއިން އެކަނި ލިބެން ހުންނަ ސިއްހީ ހިދުމަތްތައް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުންނަ ކަމަށާއި މިހާރު ކުރިއަށްދާ ހިދުމަތްތަކާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.