ސަރުކާރުގެ އާންމު ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށެވެ. ހުވަދު އަތޮޅުގެ ރަށްތަކަށް އާރްޓީއެލް ހިދުމަތް ދިނުމަށް ހަ ފެރީ ބޭނުންވެއެވެ. އޭގެ ތެރެއިން ބައެއް ފެރީ ވަނީ އެ އަތޮޅަށް ފޮނުވައިފައެވެ.

އެމްޓީސީސީން މިއަދުކުރި ޓުވީޓެއްގައި ބުނީ ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އާއި ގދ. ފިޔޯރީގެ ބަނދަރުން އާރްޓީއެލް ފެރީ ލަފާފުރުމަށް ބޭނުންވާ އިންތިޒާމް ހަމަޖެހިފައިވާ ގޮތް ދެނެގަތުމަށް އެމްޓީސީސީގެ ޓީމެއް އެރަށަށް ގޮސްފައިވާ ކަމަށެވެ.

އަދި އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމުގައި ހުންނަ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. އަދި ށ. އަތޮޅުގައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ވެސް ވަނީ ފަށައިފައެވެ. އަދި އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ވެސް ފަށައިފައެވެ.