މުޖުތަމައުގެ އެކި މަސައްކަތްތަކަށް ހަރަދުކުރުމަށް "ޕޯޓް ކޮމިއުނިޓީ ފަންޑް"ގެ ނަމުގައި އެމްޕީއެލްއިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސައިފިއެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި އަހަރަކު ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ޕޯޓް ކޮމިއުނިޓީ ފަންޑް" އަށް އަހަރަކު 600،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެ ފައިސާއިން އަހަރަކު 10 މަޝްރޫއަށް އެހީ ދޭނެއެވެ. އެއީ 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށެވެ.
މި އަހަރުގެ ފުރަތަމަ ފޭސްގެ ދަށުން ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު އެމްޕީއެލްއިން ވަނީ ހުޅުވާލައިފައެވެ. ފުރަތަމަ ފޭސްގައި ފަންޑަށް އެދި ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް އެ ފަންޑަށް އެދި ހުށަހަޅާފައިވަނީ ދެ ފަރާތަކުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް ވަނީ ކަނޑައަޅައިފައެވެ. އަދި ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލުކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށް ބުންޏެވެ. އެއީ:
- ޕޮއިންޓް ދިނުމުގައިވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލުވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް މާކްސް ދޭނެ
- އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު މާކްސް ދޭނެ
- ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓް މާކްސް ދޭނެ
- ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓް މާކްސް ދޭނެ
އެމްޕީއެލްއިން އިތުރަށް ބުނީ މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތަކާ ހިލޭ ސާބަހަށް މަސައްކަތްކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލުތަކަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންކޮށް، މި ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުން ކަމަށް ބުންޏެވެ.
މިއީ އެމްޕީއެލްއިން ކޮމިއުނިޓީ ފަންޑިން ޕްރޮގްރާމެއް ހުޅުވާލި ފުރަތަމަ ފަހަރެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށާއި ތައުލީމީ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޕޯޓް ކޮމިއުނިޓީ ފަންޑަށް އެދޭ ފޯމް މި ލިންކުން ޑައުންލޯޑް ކޮށްލެވޭނެއެވެ.
https://port.mv/wp-content/uploads/2023/04/PCF_Application-Form.pdf
ޚަބަރު
ޚަބަރު
ޚަބަރު