ކުރިއަށް އޮތް ހަތް އަހަރު ދުވަހު ހިޔާ ފްލެޓްތަކުގެ ކުއްޔަށް ލުއި ދިނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ، ހިޔާގެ ފްލެޓެއްގެ އަގު އަދާކުރަންޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށް، މަހު ކުލީގެ ގޮތުގައި ނަގަމުން އައި 7،500 ރުފިޔާގެ ބަދަލުގައި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 5،300 ރުފިޔާ ނެގުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

އެކަން އިއުލާންކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ ސަރުކާރުން އެ ބަދަލު ގެނައީ ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށާއި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި މަރުހަލާތަކުގައި ހިޔާގެ ކުއްޔަށް ލުއި ދީފައިވާނެ ކަމަށެވެ.

"ކުލި ކުޑަކުރީއެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ ކުއްޔަށް ނެތޭ އެއްވެސް ބަދަލެއް ގެނެވޭކަށް. ކުއްޔަށް ލުޔެއް މި ދިނީ، އެގޮތުން 7 އަހަރަށް 5،300 ރުފިޔާ ދައްކާ ގޮތަށް ހަދާފައި އިތުރު ދެ އަހަރު މި ދިނީ. މިއީ ކޮންމެހެން އިންތިހާބާ ގުޅުންހުރި ކަމެއްް ނޫން،" އަކްރަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓުގެ ކުއްޔަށް ލުޔެއް ދިން ނަމަވެސް މެއިންޓަނަންސް ފީއަށް ކުރިންވެސް ނަގަމުން ދިޔަ ގޮތަށް 1000 ރުފިޔާ އާބަންކޯއިން ނަގާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާ ފްލެޓުގެ ކުއްޔަށް ދައްކަން ޖެހޭނީ މަހަކު 6،300 ރުފިޔާއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި ގޮތުގައި މި ވަގުތު ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް އާބަންކޯއިން ބެލެހެއްޓި ނަމަވެސް ގާނޫނަށް އަންނަ ބަދަލާއެކު މެއިންޓަނެންސް ބެލެހެއްޓުމުގެ ކަންކަން ކުރަން ޖެހޭނީ އެކަމަށް އުފައްދާ ސޮސައިޓީންނެވެ.