ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަންނަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މާދަމާއިން ފެށިގެން މިނިސްޓްރީގެ [ވެބްސައިޓުން](https://islamicaffairs.gov.mv/) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލްތައް ލިބެން ހުންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންވާނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ބަޔާންކޮށްފައި ކަމަށެވެ.

  • 100 ޕަސަންޓް ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން
  • އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ހުއްދައަށް އެދި ހުށަހަޅާ އިރު، ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން
  • ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނަތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި އެ ފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު ދަފުތަރު ކުރާ ކޮންމެ ކުންފުންޏަކުން 20،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 42 ކުންފުންޏަކަށް ދީފައެވެ. އޭގެ ތެރެއިން 24 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އިތުރު 12 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިއަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. ބާކީ ކުންފުނިތަކުގެ ހުއްދަ އަންނަ މާޗު މަހު ހަމަވާނެއެވެ.