ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދީ އެންމެ ބޮޑު މުބާރާތެވެ. ފުޓުބޯޅައަށް އޮތް ލޯބި ކުޑަ ނަމަވެސް، ދިވެހީންނަށް އިންތިޒާރު ކުރެވޭ މުބާރާތެކެވެ. ސަރަހައްދުގައި ފެންވަރު މިނެކިރާލަން ލިބޭ އެންމެ ބޮޑު ފުރުސަތެވެ. ދިވެހި ފުޓުބޯޅައިގެ އެތަކެއް ހަނދާންތަކެއް ގުޅިފައިވާ މުބާރާތެކެވެ. 2008 ގެ ރަން ގޯލެވެ. ފުރަތަމަ ސާފް ތަށްޓާއެކު އެޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ފްލައިޓްގެ ދޮރުން ނުކުތުމާއެކު އެ ވިހުރާލަދިން ގައުމީ ދިދަތަކުގެ މަންޒަރު އަދިވެސް ހަނދާނުގައި ހުންނާނެއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އައްސަދުގެ ކޮއްކޮ، އަކްރަމް އަބްދުލްޣަނީ (އަކޫ) ޓީމުގެ ކުޅުންތެރިންނާއެކު ގައުމަށް އައުމުން އެ ކުރެވުނު އިހުސާސްތަކުގެ ހަނދާންވެސް ހުންނާނެއެވެ. 2021 ވަނަ އަހަރު ރާއްޖޭގައި މުބާރާތް ބާއްވައި ލިބުނު ހިތްދަތިކަންވެސް ހަނދާނުގައި ހުންނާނެއެވެ. ދިވެހީން ދަނޑަށް ވަދެ، ދެއްކި ރޫހު ނިންމާލަން ޖެހުނީ ކަރުނައިންނެވެ. ފިލާވަޅުތަކެއް ދަސްވާން ލިބުނު ފުރުސަތެއް ނަމަވެސް، އިތުރު ސާފަކަށް ނުކުންނަން އޮތީ ހަމަ ޗެލެންޖިން މާހައުލެކެވެ.

އުންމީދަކީ ހަމަ ތަށްޓެވެ. އެއީ ގައުމީ ޓީމަށް ދިވެހީން އެދޭ ތަށްޓެއްވެސް މެއެވެ. އެހެން ނަމަވެސް، އެކަމަށް ފުޓުބޯޅައިގެ ނަޒަރުން ކުރަމުން މިއަންނަނީ ކޮންކަހަލަ ދަތުރެއްތޯ، ހިތާއިހިތުން ސުވާލުކޮށްލަން ޖެހެއެވެ. ސަރަހައްދީ ގައުމުތަކުން ދަރަޖައެއް މައްޗަށް ޖެހެން ކުރާ މަސައްކަތާއި، ރާއްޖޭގެ ފުޓުބޯޅައަށް ކުރެވޭ މަސައްކަތް މިނެކިރާ ބަޔަކުވެސް ތިބޭނެއެވެ. އެ މަންޒަރުތަކުން ފުޓުބޯޅައަށް ދެވޭ ގަދަރު ކުޑަވެއްޖެކަން ގަބޫލުކުރެވެން ޖެހޭ ހާލަތަށް ގޮސްފިއެވެ. ފައިސާގެ ދަތިތަކުން އަރައިނުގަނެވި، އެތައް ދުވަހެއް ވޭތުވަނީއެވެ. ފުޓުބޯޅަ މެދުކެނޑިފައި އޮންނަތާ ހަތް މަހަށްވުރެ ގިނަދުވަސްވެފައި ވަނިކޮށް، ގަދަކަމުން އަލުން ފުޓުބޯޅަ ފަށައި، މާ ގިނަ ދުވަހެއް ނުލިބި ޖޫން މަހު ނުކުންނަން މިޖެހީ ވަރުގަދަ ސާފް މުބާރާތަށެވެ. އެ މުބާރާތަށް ދިވެހި ގައުމީ ޓީމު އެކުލަވާލަން މާގިނަ ދުވަހެއް ނެތެވެ. ވާދަވެރި މާބޮޑު ފުޓުބޯޅައެއް ނެތުން އެއީ ޔަގީނުންވެސް ޗެލެންޖެކެވެ. ދާއިމީ ހައްލަކަށް ކުރަން ޖެހޭ މަސައްކަތް ބޮޑު ނަމަވެސް، ހާލަތު މިނެކިރަން ޖެހެނީ ތަޖުރިބާކާރުންގެ ވިސްނުން ދޮގަކަށް ނުވާތީއެވެ.

"ރާއްޖޭގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި. ރާއްޖޭގެ ލީގާ ބެހޭ މާބޮޑު މައުލޫމާތެއް އަހަރެންނަކަށް ނޭނގޭ. ގައުމީ ޓީމެއް ވަރުގަދަ ކެރެވޭނީ ލީގު ވެސް ރަނގަޅު ވެގެން. ކޮންމެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ،" ޗައިނާ ކޯޗަކަށް ހުރެ، ރާއްޖެ އައި ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ ދިވެހި ފުޓުބޯޅައަށް ބުނެފައިވެއެވެ.

އެ ވާހަކަކޮޅު ގެންނަން މިޖެހުނީ ލީގުގެ ވާހަކަ ގެނެސްފައިވުމުންނެވެ. ވަރުގަދަ ލީގަކީ ގައުމީ ޓީމުގެ ފެންވަރު ސާފުކޮށްދޭނެ ކަމެއްކަން މޮޅު ކޮންމެ ކޯޗަކުވެސް ފާހަގަކުރާނެއެވެ. ރަނގަޅު ފުޓުބޯޅަ ސިސްޓަމެއް ބިނާކުރެވިފައިނުވާ އެއްވެސް ގައުމަކުން ފުޓުބޯޅައިގައި ކާމިޔާބެއް ނުހޯދާނެއެވެ. ޒަމާނީ ފުޓުބޯޅައިގައި ކާމިޔާބީ ބިނާވަނީ ލީގުގެ ފެންވަރަށެވެ. ބޮޑު މުބާރާތަކަށް ދިވެހި ގައުމީ ޓީމުން ފައިނަގާ ހިސާބުން ދައްކަން އޮތީ ލީގުގެ ވާހަކައެވެ. ލީގުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިއްޖެވެސް މެއެވެ. އެކި ގޮތްގޮތަށެވެ. އެކި ނަޒަރިއްޔާތުންނެވެ. ހައްލުގެ ވާހަކައާ ހަމައަށް ދާން އޮތް މަގު ދުރު ނަމަވެސް، އެ ވާހަކަ އަނެއްކާވެސް ދެއްކުން ނޫން ގޮތެއް ނެތެވެ.

މާޒިޔާ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ފިޔަވައި ދުރާލާ ސީޒަނަށް ތައްޔާރުވި ޓީމެއް މަދެވެ. ފައިސާގެ ހާލަތު ގޯސްކޮށް ގޮސް، މުސާރަތައް ނުދެވި އޮތް އޮތުމާހެދި، އަދި އެހެނިހެންވެސް ސަބުތަކާއެކު ގިނަ ޓީމުތައް ތަމްރީނު ފެށީ "މެޗު ވޯމް" އަޕަށެވެ. ޕްރެސިޑެންޓްސް ކަޕްގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ނުކުޅެއެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ދިޔަ މާޒިޔާއަށް މާބޮޑު މާލީ ދަތިކަމެއް ނެތި ސީޒަނަށް ތައްޔާރުވި ނަމަވެސް، ދެން ހުރި ކްލަބުތަކުން އުޅުނީ ފައިސާގެ ދަތިކަމެއްގެ ތެރޭގައެވެ. އެފްއޭއެމުން ދޭ އެހީތެރިކަމަށް ކްލަބުތަކުން ބަރޯސާވެފައި އޮތް އިރު، އެކިއެކި ސަބުތަކާ ހެދި އެ ޕޭމަންޓް އޮތީ ލަސްވެފައެވެ. ކުރިން ސީޒަނުގެ މުސާރަތައް ނުދެވި އޮތުމުން، ބައެއް ކްލަބުތަކަށް ގެންދިޔަ ކުޅުންތެރިން ރަޖިސްޓްރީވެސް ނުވިއެވެ.

އެ ކްލަބަށް މިސީޒަނަށް ގެންދިޔަ ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކްލަބުގެ ތަމްރީނުތަކުގައި ބައިވެރިވި ނަމަވެސް، އަދިވެސް އެ ކުޅުންތެރިންނަށް ޓީމުގައި ރަޖިސްޓްރީވެވޭ ގޮތެއް ނުވެއެވެ. ކްލަބުގެ ކުރިން އޮތް މުސާރައިގެ މައްސަލަތަކުގެ ސަބަބުން އިއްބެއާއި ރިލޭއަށްވެސް ސީޒަނުގެ މިހާތަނަށް އައިއިރު ތިބެން ޖެހުނީ ބޭރުގައި ކުޅިބަލާށެވެ. އެހާލަތުގައި އޮތުމުން އެޓީމުންވެސް ބޭނުންކުރީ ޔޫތު ޓީމުގެ ކުޅުންތެރިންތަކެކެވެ. މުސްތަގުބަލު އުޖާލާ ކުޅުންތެރިން ނަމަވެސް، ދަނޑަށް ނެރުނީ ހަގީގަތުގައި މަޖުބޫރު ހާލަތެއްގައެވެ.

ސީޒަނަށް ނުކުންނަމުން، ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގެ ކުރިން އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއަދު "ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން ނުކުންނަން ޖެހެނީ ފަރިތަކުރުންތަކެއް ނެތި،" ކަމަށާއި، ކްލަބުތަކަށް ސީޒަންވެސް ރަނގަޅަށް ތައްޔާރު ނުވެވި އޮތް ކަމަށެވެ. ފެސްކޯ ބުނީ ފުޓުބޯޅައިގެ "ހަގީގަތާ" ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެއީ ވެލެންސިއާގެ އެކަނި ހާލަތެއް ނޫނެވެ. އެންމެ ކްލަބެއްގެ ހާލަތެއްވެސް ނޫނެވެ. ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕްވީ ޕްރި ސީޒަނަކަށެވެ. ސާފް ޗެމްޕިއަންޝިޕް ބްރޭކް ކުރިން ލީގުގައި ކުޅޭ ތިން މެޗަކީވެސް ގިނަ ޓީމުތަކަށް އަދިވެސް ހަމަ ޕްރި ސީޒަނެވެ.

"ހައެއްކަ ދުވަހު ފަރިތަކޮށްފައި ޕްރެސިޑެންޓްސް ކަޕަށް މި ނުކުންނަނީ. އެހެންވީމަ މުބާރާތް ޕްރި ސީޒަނެއްގެ ގޮތުގައި ބަލައިގެން މި ނުކުންނަން ޖެހެނީ. ޕްރި ސީޒަނެއް ނަހަދާ މުބާރާތަށް ނުކުންނަންޏާ، މުބާރާތެއްގެ ލެވެލްއަށް ކުޅުންތެރިން ނުދަނީސް މިވަނީ މެޗު ކުޅެން ޖެހިފަ. އެހެންކަމަށްވާނަމަ ގޭމްގެ ވަކި ހިސާބަކުން ކުޅުންތެރިންނަށް އަނިޔާއެއް ނުލިބޭނެ ގޮތަކަށް ކަންކަން ބެހެއްޓުން އެއީ ކޯޗުންނަށް ވަރަށް ބޮޑު ޗެލެންޖެއް،" ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ޕްރެސިޑެންޓްސް ކަޕްގެ ކުރިން ބުންޏެވެ.

"ތައްޔާރުވާން ޖެހުނީ ގަދަކަމުން. ޓީމު މިފަހަރު މުބާރާތަށް ނުކުތީ މެޗު ވާމް އަޕެއް ޖަހާލާފަ، އަނެއް ދުވަހު މެޗަށް ކަހަލަ ގޮތަކަށް،" ޓީސީގެ ތައްޔާރީތަކާ ގުޅޭ ގޮތުން އަހުސަން ރަޝީދު (ޗޭ) ބުނެފައިވެއެވެ.

މިކަމުގައި ކުލަބްތައް ވެސް "ބްލޭމް" ކުރެވޭކަށް ނެތެވެ. ސްޕޮންސާޝިޕް ހޯދޭނެ، ވިއްކޭނެ ބްރޭންޑެއް ނެތެވެ. ލީގަކީ ވިކޭ، މީހުން ބަލާ ބްރޭންޑެއް ނޫނެވެ. ކްލަބުތަކުން ބަރޯސާ ވަނީ އެފްއޭއެމްގެ މާލީ އެހީތެރިކަމަށެވެ. ތައްޔާރުވާން އުނދަގޫވީ ފައިސާގެ ދަތިކަމުންނެވެ. ކުޅުންތެރިން ހޯދީ އަތް ފުނާއަޅައިގެން އަތޮޅުތަކުންނާއި، އެހެންމިހެނެވެ. ޔޫވީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)ވެސް ލީގަށް ނުކުތުމުގެ ކުރިން ބުނީ "ކެރިއަރުގެ އާ ޗެލެންޖަކަށް އާ، ތަޖުރިބާކާރު ކުޅުންތެރިންތަކެއް،" ގޮވައިގެން ނުކުންނަ،" ކަމަށެވެ.

"އިސްޓޯލްމަންޓަށް ކްލަބުތަކަށް ފައިސާ ދެނީ. އެއީ ދިގު ޕްރޮސެސްއެއް. އެފްއޭއެމުންވެސް ފައިސާ ދޭނީ ޑޮކިއުމަންޓޭޝަން ފުރިހަމަކުރީމަ. ކްލަބު ލައިސަންސިންގެ އިންނާނެ ފުރިހަމަކުރަން ޖެހޭ ބައިވަރު ކަންތައްތަކެއްވެސް. ފައިސާގެ ކަންކަން އެކަންޏެއްވެސް ނޫން. އެހެންގޮސް ފައިސާ ދޭން ޑިލޭ އާދޭ. އެކަމަކު ކްލަބުތަކުގެ މައްސަލަތަކުގެ ސަބަބުން އެކަންޏެއް ނޫން. ސްޕޮންސާޝިޕަަކީ ވަރަށް ބޮޑު އިޝޫއެއް. ހާއްސަކޮށް ކޮވިޑްގެ ފަހުން އެއީ ކްލަބުތަކަށް ދަތިކަމެއް. އެފްއޭއެމްގެ ފައިސާއަށް އެކަނި މި ބަރޯސާވަނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން"އަށް ވިދާޅުވިއެވެ.

ހަތް މަހުގެ މެދުކެނޑުމަކަށްފަހު ފުޓުބޯޅަ އަލުން ފަށައި، މިހާތަނަށް އެންމެ އެކަށޭނެ ވާދަވެރި މާހައުލެއް ލީގުގެ މެޗުތަކުންނާއި، ޕްރެސިޑެންޓްސް ކަޕްގެ މެޗުތަކުން ނުފެނުމަކީ ތައްޔާރީތަކުގެ މަންޒަރެވެ. އެކަމަށް ކްލަބުތަކަށް ކުޑައިމީސް ބަހެއް ބުނެވެން ނެތް ހާލަތެއް ނަމަވެސް، އޭގެ އަސަރު ސީދާ ގައުމީ ޓީމަށް ކުރާނެކަން އެއީ ފުޓުބޯޅައިގެ އެންމެންވެސް ހެކިވާނެ ކަމެކެވެ. ވަރުގަދައަށް ތައްޔާރުވި ޓީމުތަކަށްވެސް، ވާދަވެރިކަން ނެތުމުގެ އަސަރުކުރާނެއެވެ. ފިޒިކަލީ އަދި މެންޓަލީއެވެ. ސާފަށް ދާން އޮތް ޓީމަށް އެ އަސަރު ނުކުރާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަންވެސް ސާފެވެ.

ކުރިން ފާހަގަކުރިހެން، ލީގުގެ ވާދަވެރިކަމުގެ އަސަރު ހަމަ ޔަގީނުންވެސް ގައުމީ ޓީމަށް ކުރާނެއެވެ. އެކަމާ ދެކޮޅު ހަދާނެ ފުޓުބޯޅަ ދަންނަ މީހަކު މަދުވާނެއެވެ. ކޮންމެއަކަސް ފުޓުބޯޅައިގެ މާހައުލު ތަފާތު މި ދަނޑިވަޅުގައި ގައުމީ ޓީމަށް ކުރާނެ އަސަރު ބޮޑެވެ. ގައުމީ ޓީމަށް ސީދާ ލީގުގެ އަސަރުކުރާނެއެވެ. މެޗުތައް މަދުވުމުގެ އަސަރެވެ. އެތައް ދުވަހަކު ނުކުޅު، ކުޅުންތެރިން މަގުމަތިވެފައި ތިބުމުގެ އަސަރެވެ. މުސާރައެއް ފުޓުބޯޅައިން ނުލިބޭކަމުގެ އަސަރެވެ. އެއީ ގައުމީ ޓީމަކަށް ދިމާވާނެ އެންމެ ބޮޑު ޗެލެންޖްވެސް މެއެވެ.

"ފުރަތަމަ ކަމަކީ ގައުމީ ޓީމެއް މި ހެދެނީ ކްލަބުތައް ކުރާ މަސައްކަތަކުން. ލީގުގައި ކުޅޭ ފެންވަރަކުން. އެއީ ހަމަ ރަނގަޅު ގައުމީ ޓމެއް މި އުފެދެނީ އެހިސާބުން. ކޮންމެ ގޮތަކަށްވެސް އޭގެ ސީދާ އަސަރު ކުރާނެ. އޭގެ އަސަރު ނުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ. ކާމިޔާބެއް ހޯދަން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީވެސް އެއީކަންނޭނގެ. އަބަދުވެސް މި ދެކެވެނީ ލީގުގެ ވާހަކަ. ދުވަހެއް ދުވަހަކަށް މުސާރަތައް ނުދެވި، ތައްޔާރު ނުވެވި، މާޔޫސީ ވާހަކަތަކެއް މިދެކެވެނީ. ފުޓުބޯޅަ ލީގުގެ އަސަރު ގައުމީ ޓީމަށް ސީދާ ކުރާނެ. ގައުމީ ޓީމުންދާ މުބާރާތްތަކަށް ކުޅުންތެރިންގެ ފަރާތުން އެ އަސަރުކުރާނެ،" ރާއްޖެއާއެކު 2008 ވަނަ އަހަރު ސާފް ތަށި އުފުލައިލި އޭރުގެ ކެޕްޓަން އައްސަދު "ވަން"އަށް ބުންޏެވެ.

އައްސަދުގެ ނަޒަރުގައި ގައުމީ ޓީމަށް "އަބަދުވެސް ދިވެހީން ލޯބި" ދޭނެއެވެ. އެހެންނަމަވެސް މަންޒަރުތަކުން ބައެއް ފަހަރު ފޫހިވަނީއެވެ. ހާލަތުގެ ގޮތުން އަންނަ ގޮންޖެހުންތަކުގެ އަސަރު ސީދާ ސަޕޯޓަރުންނަށް ކުރާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އައްސަދުގެ ނަޒަރުގައި 2008 ވަނަ އަހަރު ސާފް ނެގި ޓީމަށް ލީގު ފުޓުބޯޅައިގައި އޮތް މާހައުލަކީ އެންމެ ބޮޑު އެއް ހިތްވަރެވެ. އޭނާގެ ހަނދާނުގައިވާ އެ ވާހަކަތައް ހިއްސާވެސް ކުރިއެވެ.

"ކްލަބު ފުޓުބޯޅައިގެ ކަންތައް އޭރު އޮތީ ވަރަށް ވަރަށް ބޮޑަށް ތަފާތުކޮށް. ކްލަބުތަކުގެ ފޯރި ގަދަވެ، ލީގުގެ ވާދަވެރިކަމަށް ކުޅުންތެރިންނަށް ސީރިއަސް މޫޑެއް އައިސްފަ އޮންނާނީ. ސަޕޯޓަރުންގެ ފަރާތުންވެސް އެ ކުޅުންތެރިންނަށް ލޯބިދީ، ކުޅުންތެރިންނަށް އޭރު ފާރަވެސްލާނެ. އެއީ ކްލަބު ފުޓުބޯޅައިގައި ބޮޑު މެޗެއް އޮތިއްޔާ އެ ކުޅުންތެރިން ރަނގަޅަށް ނިދާތޯ ބަލަން. ސަޕޯޓަރުން ބޭނުންވޭ ކުޅުންތެރިން ރަނގަޅަށް މެޗަށް ތައްޔާރުވާން. އެހާ ސީރިއަސް ވާން ޖެހޭނެ ކުޅުންތެރިން. އޭރު ގައުމީ ޓީމަށް ކުޅުންތެރިޔާ ނެގުމުންވެސް ކްލަބު ސަޕޯޓަރުން ބަލާނެ އެކުޅުންތެރިޔާ ކުޅޭ ކުޅުން. އެހެންގޮސް، ފުޓުބޯޅައިގެ މާހައުލެއް އޮތް އިރެއް އެއީ. އެ މާހައުލު މިހާރު ގެއްލިއްޖެ. ވަރުގަދަ ސާފް ޗެމްޕިއަންޝިޕަކަށް މިއަދު ދާން މިޖެހެނީ އެ މާހައުލަކުން ނޫން،" އައްސަދު ބުންޏެވެ.

އަހަރެއްގެ ތެރޭގައި އެންމެ ރަނގަޅު މެޗުތަކެއް ނުކުޅެ، ސާފް ޗެމްޕިއަންޝިޕަކަށް ދިޔުން އެއީ ކުރީގެ ކެޕްޓަން އައްސަދުގެ ނަޒަރުގައި ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ. އެއީ ކުޅުންތެރިންނަށް އޮތް ވަރަށް ބޮޑު ދެރައެއްވެސް މެއެވެ. "ހާލަތުގައި ބޮޑެތި މުބާރާތްތަކަށް ދިޔުމަކީ އަންދާޒާ ކޮށްލަންވެސް އުނދަގޫ އަސަރެއް ކުޅުންތެރިންނަށް ކުރާނެ ކަމެއް،" ކަމަށް އައްސަދު ފާހަގަކުރިއެވެ.

އެހެންނަމަވެސް، ރައްޔިތުން އެކުގައި ތިބެ، ޓީމަށް ދެވެން އޮތް އުންމީދެއްދީ، ޓީމަށް ހިތްވަރު ދިނުމަކީ ގައުމީ ޖޯޝުގައި ކުރަން ޖެހޭ ކަމެއް ކަމަށްވެސް ކެޕްޓަން އައްސަދު ފާހަގަކުރިއެވެ. ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕަށް އަބަދުވެސް ގައުމީ ރޫހު އޮންނާނެ ކަމަށް ފާހަގަކުރަމުން އައްސަދު ބުނީ ޓީމަށް އެދެނީ އަބަދުވެސް ކާމިޔާބީއަށް ކަމަށެވެ.

ކޮންމެ ހާލަތެއްގައި އޮތަސް، ގައުމީ ޓީމުގެ ރަތް ޖާޒީއަށް އެދެނީ ހަމަ ކާމިޔާބީއަށެވެ. ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން ސަރަހައްދުގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނެވެ. ކުޅުންތެރިންގެ މަސައްކަތަކަށް ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ގައުމީ ޖާޒީގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކީ ހިތްވަރާއެކު ގައުމީ ޖޯޝުގައި ކުޅޭ ކުޅުންތެރިންނެވެ. އެކުޅުންތެރިން ތަފާތު އެކި ހާލަތްތަކުގައި އެކަން ސާފުވެސް ކޮށްދީފިއެވެ. އެކަމަކަށް ފާޑުކިޔުމެއް ނެތެވެ. ދެކެވެމުންދާ ވާހަކައަކީ ލީގުގެ ފެންވަރު ވެއްޓެމުން ވެއްޓެމުން ގޮސް، "އަޑީގައި ޖެހުނީމަ" ދެން ފުޓުބޯޅަ ނަގަން އުޅެގެން ދިމާވާނެ ގޮންޖެހުންތަކެއްގެ ވާހަކައެވެ.

މި ސީޒަނުގެ ލީގަކީ ރެލިގޭޝަން ނުކުޅޭ ގޮތަށް އޮތް ފޯމަޓަކަށް އޮތް ލީގެއް ކަމުން އެކަމަށްވެސް މާ ބޮޑު ޕްރެޝަރެއް ނެތި އޮތް އިރު، އެ ފޯމެޓަށް ލީގު އޮތީ އަންނަ ސީޒަނުން ފެށިގެން "ހޯމް އެންޑް އަވޭ" ލީގަކަށް ތައްޔާރުވާތީއެވެ. އެއީ ރާއްޖެ ޝާމިލުވާނެހެން ކުޅެން އޮތް ލީގެކެވެ. ކޮލިފިކޭޝަން މަޑު ޖެހިފައި އޮތް ނަމަވެސް އެފްއޭއެމުން ބުނީ އަންނަ ސީޒަނަށް ފޯމެޓް ބަދަލުކުރަން ތައްޔާރުކަމަށެވެ. އެކަމަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ. އެއީ ވިޔަފާރި މޮޑެލަކަށް ކްލަބުތައް ބަދަލުވާން ލިބޭނެ ފުރުސަތެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް މީގެ ކުރިން ފާހަގަކުރައްވައިފައިވެއެވެ.

ލީގަށް ތައްޔާރުވަމުން އަންނަ ނަމަވެސް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދާދިފަހުން މަޖިލީހުގައި ވިދާޅުވެފައި ވަނީ އެފަދަ ލީގަކަށް އަދި ފައިސާގެ ހާލަތު ތަން ނުދޭ ކަމަށެވެ. އެހެންކަމުން އެ ލީގަށް ބަދަލުވާން އޮތް ފުރުސަތަކީ އަދިވެސް ހަނި ފުރުސަތެކެވެ. އެ ފުރުސަތު އިތުރު އަހަރަކަށް ގެއްލިއްޖެނަމަ، އަނެއްކާވެސް އެ ދިމާވަނީ ފައިސާގެ ބޮޑު ޗެލްޖަކާއެވެ. ކްލަބުތައް އިނދަޖެހި، އޭގެ އަސަރު ގައުމީ ޓީމަށް ސީދާ ކުރާނެއެވެ.

"ޕްލޭނަކަށް މަސައްކަތް ކޮށް، އެންމެން ގުޅިގެން އިށީންނަން ޖެހޭ. އެކަމުގައި އެންމެން އެއްކޮށް މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމު ކޮށްގެން ވާނީ. އަތޮޅު ތެރެއަށްވެސް ކަންކަން ބަހާލައިގެން ނުވާނެ. ފުރަތަމަ ޑިވިޝަނުގެ ހާލަތު ރަނގަޅުކުރަންވެސް ދޫކޮށްލައިގެން ނުވާނެ. މިހާރު އޮތް އަސްލު ފުޓުބޯޅައިގެ ހާލަތު ވަރަށް ސާފު. އެ ހާލަތުން އަރައިގަންނަން ގޯސްތައް ގަބޫލުކޮށް އެއްކޮށް މަޝްވަރާތައް ކުރަން ޖެހޭ،" ލީގަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން އައްސަދު ބުންޏެވެ.

ގައުމީ ޓީމަށްޓަކައެވެ. ގައުމުގެ ފުޓުބޯޅައިގެ ދިރުމަށްޓަކައެވެ. ލީގުގެ މުޅި ފޯމެޓަށް، އަތޮޅު ތެރެވެސް ހިމެނޭހެން ހަގީގީ ހައްލަކަށް މަސައްކަތް ކުރަން ޖެހިއްޖެއެވެ. އިހުލާސްތެރިކަަން އިސްކޮށް، ސީދާ ފުޓުބޯޅައިގެ ލޯތްބަށް މަސައްކަތްކުރަން މިވަގުތު ނޫން ވަގުތެއް ނުވެސް ނެތެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމަށް އޮތް ޗެލެންޖަކީ ލީގު ކަމަށްވީ އިރު، އެ ލީގަށް ހައްލު ނުގެނެސް މުސްތަގުބަލަށް ވިސްނާނީ ވަކި ކިހިނެއްހެއްޔެވެ؟