މިމަހުގެ 14-19 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން އޮންލައިން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ތަފާތު ބޮޑުކޮށް ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދާ އިރު، މިއަހަރުގެ މުބާރާތުގައި 47 ސްކޫލަކުން 1500 ވަރަކަށް ކުދިން ވާދަކުރާނެއެވެ.

ވަން، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ވަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުމްތަގިމް (މުންތޭ) އެވެ. ވަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.

މިފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި އެސޯސިއޭޝަނުން ހަމަޖައްސާފައިވަނީ ވަންގެ އިތުރުން "އަދަދު ސްޕޯޓްސް"އެވެ.

ވަން އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުންތޭ ވިދާޅުވީ މިފަހަރު މުބާރާތުގައި މާލޭގެ އިތުރުންވެސް އަތޮޅު ތެރެއިން ގިނަ ސްކޫލްތަކެއް ބައިވެރިވެފައިވުމާއެކު އިވެންޓްތަކުގެ ތާޒާ ހަބަރުތައް ގެނެސްދޭން ވަން އާއެކު ސޮއިކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ވަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު ހަޝްމާ ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް އިވެންޓް، އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެތުލެޓިކްސް އެސޯސިއޭޝަނާ އެކު މަސައްކަތްތަކެއް ކުރުމަށް ތައްޔާރު ކަމަށްވެސް ހަޝްމާ ވިދާޅުވިއެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ އެތުލީޓުން ވާދަކުރާ އަހަރުގެ އެންމެ ފޯރިގަދަ މުބާރާތެވެ. ހާއްސަ އިންޓަ ސްކޫލް މުބާރާތަކީ ރާއްޖޭގެ ގައުމީ ޓީމުތަކަށް ޒުވާން ކުޅުންތެރިން ނެގުމަށް އެންމެ ބޮޑަށް ބަލާ އެއް މުބާރާތްވެސް މެއެވެ. އެހެންކަމުން އަބަދުވެސް އިންޓަ ސްކޫލް މުބާރާތް ވެގެންދަނީ ފޯރިގަދަ، ވާދަވެރި މުބާރާތަކަށެވެ.

މިފަހަރުގެ މުބާރާތުގައި މާލެއިން 22 ސްކޫލަކުން ބައިވެރިވާ އިރު، އަތޮޅުތަކުން އެކަނިވެސް 25 ސްކޫލަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ތިން ސްކޫލަކާއި އައްޑޫ ސިޓީގެ ނުވަ ސްކޫލެއް ހިމެނެއެވެ.

އިންޓަ ސްކޫލް މުބާރާތުގައި މިދިޔަ އަހަރުވެސް 47 ސްކޫލުން 1839 އެތުލީޓުން ވާދަކުރިއެވެ. އެގޮތުން މިދިޔަ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ހަތަރު އުމުފުރާއެއްގައި 102 އިވެންޓެއް ކުރިއަށް ގެންދިޔައެވެ. މިދިޔަ އަހަރުގެ މުބާރާތް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ގިނަ ރެކޯޑުތަކެއް މުގުރާލި މުބާރާތެއްގެ ގޮތުގައެވެ.