ޚަބަރު

އޭބީޔޫ މީޑިއާ ސަމިޓްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ދިރާގު

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޔޫނިއަން ކަމަށްވާ އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) މީޑިއާ ސަމިޓް 2023 ގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އޭބީޔޫ އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި އަހަރުގެ އޭބީޔޫ ސަމިޓްގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ.

ދިރާގުން މިއަދު ބުނީ މި ސަމިޓްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށް ކަމަށެވެ.

މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެމައުލޫމާތާ ވަށައިގެންވާ ތަފާތު މައްސަލަތަކާ ބެހޭ ގޮތުންވެސް މި ސަމިޓްގައި ވާހަކަ ދެކެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.