އެމެރިކާގެ ޕެންސިލްވޭނިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ފިލަޑެލްފިއާގެ އެއާޕޯޓުގެ މުވައްޒަފުންނަށް އެރި ބޮޑު އޮޅުމެއްގެ ސަބަބުން ޑޮމެސްޓިކް ޕަސިންޖަރަކު ޕާސްޕޯޓަކާވެސް ނުލައި ބޭރު ގައުމަކަށް ފުރުވާލައިފިއެވެ.

އެމެރިކާގެ ނިއުޖާޒީއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ އެލިސް ހިބާޑް ޓިކެޓް ނެގީ ފިލަޑެލްފިޔާއިން ފްލޮރިޑާ ސްޓޭޓްގެ ޖެކްސަންވިލްއަށް ދަތުރުކުރުމަށެވެ. އެކަމަކު އެމެރިކާގެ ފްރަންޓިއާ އެއާލައިންސްގެ މަތިންދާ ބޯޓެއްގައި އޭނާގެ ދަތުރު ނިމުނީ ކެރީބިއަންގެ ގައުމެއް ކަމަށްވާ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަންގެ އެއާޕޯޓަށެވެ.

މިހެން މެދުވެރިވީ ޖެކްސަންވިލްއަށް ދަތުރުކުރާ ޕެސިންޖަރުންގެ ގޭޓް ބަދަލުވެފައިވާކަން ނޭންގުމާއެކު އެލިސްއަކީ ޖެމޭކާއަށް ދަތުރުކުރާ ޕެސިންޖަރަކޭ ހީވެ އޭނާގެ ބޯޑިން ޕާސް މާބޮޑަށް ބެލުމެއްނެތި ޖެމޭކާއަށް ފުރަން އޮތް އިންޓާނޭޝަނަލް ފްލައިޓަށް އެރުވުމުންނެވެ. މިކަންކުރީވެސް ވަރަށް އަވަސް އަރުވާލައިގެން ކަމަށް އެލިސް ބުނެއެވެ.

ބޯޓުގެ މަންޒިލަކީ ކޮބައިކަން އޭނާއަށް އެނގުނީ ފަޅުވެރިއަކު އެވާހަކަ ބުނުމުންނެވެ. އެހެންބުނީމާ އެންމެ ފުރަތަމަ ހީކުރީވެސް ސަމާސާ ކުރަނީ ކަމުގައެވެ. ޕާސްޕޯޓް ނެތް ޕަސިންޖަރަކު އޮޅުމަކުން ފްލައިޓަށް ލެވިފައިވާކަން ކުރީބައިގައި ޖެމޭކާގެ އެއާޕޯޓް އޮފިޝަލުންނަށް ޕައިލެޓް އޮތީ އަންގައިފައެވެ. އެހެންވީމާ ކިންގްސްޓަނުގެ އެއާޕޯޓުގައި އޭނާ ހައްޔަރެއް ނުކުރެއެވެ.

ޖެމޭކާގެ އެއާޕޯޓުގައި ހަ ގަޑިއިރު ހޭދަވިފަހުން އެނބުރި ފިލަޑެލްފިޔާއަށް ފުރުވައިލީ އެހެން ފްލައިޓެއްގައެވެ. މިހާދިސާއާ ގުޅިގެން ފްރަންޓިއާ އެއާލައިންސްގެ ފަރާތުން މައާފަށް އެދުމާއެކު އޮރިޖިނަލް ޓިކެޓް ވަނީ ރިފަންޑުކޮށްފައެވެ.